އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެމާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކޮށްލާފައިވަނީ ރޯދަވެރިޔާގެ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ މައްޗަށެވެ.
”ރޯދައިގެ މައިގަނޑު މަޤުސަދަކީ ތަޤުވާވެރިވުމެވެ. ތަޤުވާގެ މާނައިގައި ހެޔޮ ޢަމަލުކުރުމާއި، އެންމެހައި ފާފަތައް ކުރުމުން ދުރުހެލިވުން ހިމެނެއެވެ.
ރޯދައަކީ ތަޤުވާގެ އިތުރުން، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއް ވެސް މެއެވެ. ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ ހުރުމީ، ދުނިޔެވީ އެދުންތަކާ ނަފްސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލު ކެއިންބުއިމުން އެއްކިބާވެ ހުރުމުން، ދުނިޔޭގެ އެދުންތަކާ ދުރުވެ، ދަހިވެތިކަން ކުޑަވެ، ރޫޙާނީ ބާރު އިތުރުވެއެވެ.
ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައިގެ އިތުރުން، ނޭދެވޭ ކަންތަކާވެސް ދުރުހެލިވެގެންނެވެ. ނުބައި ބަސްތައް ބުނުމާއި، އެފަދަ ޢަމަލުތައް ކުރުން ހުއްޓާލައިގެންނެވެ. އަރައިރުންވުމާއި ޒުވާބުކުރުމުން ދުރުހެލިވެގެންނެވެ. ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތައްތަކުން ދުރުހެލިނުވާނަމަ، ހަމައެކަނި ކެއިންބުއިމާ ދުރުހެލިވެގެން ހުރުމުގެ ބޭނުމެއް ނެތެވެ.
ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
’އެމީހެއްގެ ރޯދައިން، ބަނޑުހައި ހޫނުކަން ނޫން އެހެންކަމެއް ނުލިބޭ ކިތައް ރޯދަވެރީން ހެއްޔެވެ؟‘
މި ޙަދީޘްފުޅުގެ މުރާދަކީ ރޯދައަށް ތިބޭ މީހުންގެ ތެރޭގައި އެފަދަ މީހުން ވަރަށް ގިނަ ކަމެވެ.
ރަސޫލާ (ޞޢވ) ޙަދީޘްފުޅު ކުރެއްވި އެހެން ބަސްފުޅެއްގެ މާނައިގައިވެއެވެ.
’ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު ބަސްތައް ގޮވައި ހެދުން ހުއްޓައިނުލައިފި މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވުމަކަށް ﷲ ތަޢާލާ އެދިވޮޑިނުގަންނަވަތެވެ.‘
ދޮގުހެދުމާއި، ދެބައޮޑުވުމާއި، ނެތިމޮށުމާއި، މަކަރުހެދުން ފަދަ ޢަމަލުތައްކުރާ މީހާގެ ރޯދަ ނުގެއްލުނެއް ކަމަކު، އެ ރޯދައިން މާބޮޑު ފައިދާއެއް ނުކުރާނެއެވެ.
ޝަރީޢަތުގައި ރޯދަ ގެއްލޭ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ރޯދަވެރިޔާ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަންކަމެވެ. އެއީ:
- ގަދަކަމުން ހޮޑުލުމާއި
- ކެއިންބުއިމާއި
- ޖިމާޢުވުމާއި، މިއިން ކަމެއްގެ ޙުކުމުގައި ހިމެނޭ ކަންކަމެވެ.
- މުޅި ދުވާލު މަސްތުގެ ޙާލަތުގައި ހުރި މީހާގެ ރޯދަ ވެސް ގެއްލޭނެ އެވެ.
ނަމަވެސް ރޯދައަށް ހުރިކަން ހަނދާންނެތި އެއްޗެއް ކެވުނަސް އަދި ފެންފޮދެއް ބޮވުނަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. އަނެއްބައި ކަންކަމަކީ ރޯދަވެރިޔާގެ އިޚްތިޔާރެއް ނެތި ކުރިމަތިވާ ކަންކަމެވެ. އެއީ މުޅި ދުވާލު ހޭނެތިފައި އޮތުމާއި، ޙައިޟުވެރިކަމާއި ނިފާސްވެރިކަމެވެ.
ރޯދަމަހަކީ މުސްލިމުންގެ ހުރިހައި ޢަމަލެއް އެންމެ ހެޔޮ ގޮތުގައި ބަހައްޓާންޖެހޭ މަހެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، ނިކަމެތީންނަށް އެހީވުމާއި، ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ދަމުނަމާދުކުރުމާއި، އިޢުތިކާފުކުރުން ފަދަ އަޅުކަންތައް ކުރުމުގައެވެ. ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ވަކި ބަޔަކަށް ނުޖައްސައި، އެކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރޯދަމަހު ވަކީން ބޮޑަށް ދަރުމަހުރި ކަމެކެވެ. ހަމަ އެފަދައިން ވިޔަފާރިވެރީން އެމީހުންގެ މުދަލުގެ އަގުތައް ކޮންޓުރޯލުކޮށް، އުޚުރަވީ ޙަޔާތުން ފައިދާއާއި ނަފާ ލިބިގަންނާން މިއީ ރަނގަޅު ފޯވައްސެކެވެ.
ރޯދަމަހަކީ ހަށިގަނޑަށް ފައިދާ ހުރި، ޙަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެކެވެ. ނަމަވެސް ކެއިންބުއިމުގައި އިސްރާފުކޮށްގެން ނުވާނެއެވެ. އެއީ މާތް ﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމެކެވެ.
މާތް ﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ
’ އަދި އެއުރެންނީ، އެއުރެން ހޭދައެއްކޮށްފި ނަމަ އިސްރާފު ނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ.‘
ރޯދައިގެ މަޤްޞަދަކީ، ދުނިޔެވީ އެންމެހައި އެދުންތަކުން ނަފުސު ޠާހިރުކޮށް، އުޚްރަވީ ޙަޔާތުން ލާބަހޯދުންކަން ދަންނާށެވެ! މި ބަރަކާތްތެރި މައްސަރުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭތޯ މަސައްކަތްކުރާށެވެ! އަދި ވޭތުވެދިޔަ ދުވަސްތަކުގައި، ފަރުވާކުޑަކުރެވުނު ކަންތައްތައް އިޞްލާޙުކޮށް، ރަމަޟާންމަހުގެ ދުވަސްތަކުގައި، އޭގެ ހިސާބެއް ނެތް ރަޙުމަތާއި، މަޣުފިރަތާއި، ރުއްސެވުން ޙާޞިލުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ! ރަމަޟާން މަސް ފާއިތުވުމުގެ ކުރީން، އެ މަހުން ފައިދާ ޙާޞިލުނުކުރެވުނު މީހަކަށްވުރެ، ވަކީން ބޮޑު އަބާއްޖަވެރިޔަކު ނުހުންނާނެއެވެ.“


