މާލޭ ސަރަަހައްދުގެ ކަރަންޓްގެ ޑިމާންޑް ދަނީ ބޮޑުވަމުން ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމައި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގު އިބާރީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޯދަ މަހަށް ޚާއްސަކޮށްގެން މާލޭ ސަރަހައްދުގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ސްޓެލްކޯއިން ކުރަމުންގެންދާ މަސައްކަތް ބައްލަވާ ލެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މާލެ ސަރަޙައްދުގައި ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާތަން. ވަގުތީ އިންޖީނުގޭގެ ސަބަބުން އަވަސް ލުޔެއް ލިބި، ކުރު މުއްދަތެއްގެ ތެރޭގައި މިކަމަށް ހައްލެއް ލިބިގެންދާނެ އިރު، ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން މިދަނީ،“ މިނިސްޓަރުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ”އެކަމަށްޓަކައި، ހަކަތައިގެ އެފިޝަންސީ ކުރިއެރުވުމާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުން ފަދަ ސްޓްރެޓެޖިކް ޕޮލިސީ އިންޓަވެންޝަންތަކެއް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން.“
މިރޯދަ މަހު މާލޭ ސަރަހައްދުގެ ކަރަންޓް ޑިމާންޑަށް ކޭޓަރ ކުރެވޭނެ ފަދަ ވަގުތީ ހައްލުތަކެއް ގެނައުމަށް ސްޓެލްކޯއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




