ކަރަންޓް ބިލާ އެއްގޮތަށް ރޯދަމަހު ފެންބިލުންވެސް މަދުވެގެން 10 ޕަސެންޓްގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) މިކަމާ ގުޅޭގޮތުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިފަދައިން ނިންމާފައިވަނީ، މިއަހަރުގެ ރޯދަ މަހު ފެން ބިލުން ވެސް ޑިސްކައުންޓު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކަމަށެވެ.
ރޯދަ މަހު ފެން ބިލުން އާންމު މަހުގެ މިންވަރަށްވުރެ ބޮޑުވާ މިންވަރު ކަސްޓަމަރުންނަށް ޑިސްކައުންޓްގެ ގޮތުގައި ލިބޭނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ. އަދި އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހު ފޮނުވާ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއްނަމަ %10 އާއި އެއްވަރަށް ޑިސްކައުންޓް މަތިކޮށްދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން މިއަހަރުގެ އެޕްރީލް މަހުގައި ފޮނުވާ ބިލް އާންމު މަހުގެ ބިލަށްވުރެ ކުޑަނަމަ ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލްމަހު ފޮނުވާ ބިލުން %10 ޑިސްކައުންޓް ދެވޭނެކަމަށް އެކުންފުނިން ބުނެފައިވެއެވެ. އަދި އާންމު މަހެއްކަމަށް ބަލާނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް ނުހިމަނާ އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖް މިންވަރަށްކަމަށްވެސް ފެން ކުންފުނިން ބުނެފައިވެއެވެ.
އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، އެފްރީލް މަހުގައި އަލަށް ބިލްކުރެވޭ މީޓަރުތަކަށާއި ކުރިން ރަޖިސްޓަރ ކުރެވިފައިވީނަމަވެސް މިހާތަނަށް ބިލް ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ 2025 އޭޕްރީލް މަހު ފޮނުވާ ބިލްކަމުގައިވާނަމަ އެފަދަ ފަރާތްތަކަށްވެސް ރަމަޟާންމަހުގެ ބިލުން %10 ޑިސްކައުންޓް ލިބޭނެކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އެމްޑަބްލިޔުއެސްސީގެ ހޮޓްލައިން ނަމްބަރު 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަަށް އެސްއެމްއެސް ފޮނުއްވުމަށް އެ ކުންފުނިން އެދިފައިވެއެވެ.




