މި ފެށޭ ރަމަޟާންމަހު މުދާވިއްކާ ތަންތަން ހުޅުވާފައި ބަންދުކުރަންޖެހޭ ގަޑިތަކާއި، ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ.
މީގެއިތުރުން ރަމަޟާން މަހުގެ 1 އިން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނާ ގުޅިގެން ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކަނޑައަޅައި އިއުލާނު ކޮށްފައިވާނެ ކަމަށެވެ.
އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަަަސައްކަތްކުރުމަކީ ސަރުކާރުން ނުހަނު އެދޭކަމެއް ކަމުގައި ވެސް ހީނާ ވިދާޅުވެފައިވެއެވެ.




