މޫސުން ގޯސްވެ، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މިއަދު އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލު އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީ ބަންދުވާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ހޮސްޕިޓަލު ސަރަހައްދުގައި ފެންބޮޑުވެފައިވާތީ، ބަލިމީހުންނަށް ހޮސްޕިޓަލަށް އައުމާއި ދިޔުން ތަކުލީފަކަށް ވެދާނެ ކަމަށެވެ.
އެހެންކަމުން މިއަދު އައިޖީއެމްއެޗްއާއި، ދަރުމަވަންތަ ހޮސްޕިޓަލު އަދި ވިލިމާލޭ ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް ބަންދުވާނެ ކަމަށާއި އެހެންނަމަވެސް އާއި އެމަޖެންސީގެ ޚިދުމަތްތައް ލިބެމުންދާނެ ކަމަށް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.
ރާއްޖެއަށް ރޭގައި ކުރި ގަދަ ވިއްސާރައިގެ ސަބަބުން، މޫސުމާބެހޭ ޤައުމީ އިދާރާ (މެތް އޮފީހުން) ވަނީ ރޭގައި އޮރެންޖު އެލާޓު ވެސް ނެރެފައެވެ. އަދި މަގުތަކުގައި ފެންބޮޑުވެ، އިމާރާތްތަކަށް ފެންވަދެފައިވުމުގެ ސަބަބުން ފެން ހިންދުމަށާއި ވެލިބަސްތާ ޖެހުމުގައި ސިފައިންނާއި ފުލުހުންގެ އިތުރުން އެހެން މުއައްސަސާތަކުން ވެސް ހަރަކާތްތެރިވެފައިވެއެވެ.
މޫސުން ގޯސްވެގެން ރޭގައި ލިބުނު ގެއްލުމާއި ރައްޔިތުން އުފުލަން ޖެހުނު ތަކުލީފުގެ ސަބަބުން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ.




