އެމްޑަބްލިޔުއެސްސީގެ މަގާމާ ހަވާލުވީއިރު ހުރި ދަތިތަކާ އަޅާބަލާއިރު، މިހާރު އެ ކުންފުނީގެ ހާލަތު ރަނގަޅު ކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް އަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީން ރޭގައި ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޑީ މަތީން ވިދާޅުވީ މަގާމާ ހަވާލުވެ މަސައްކަތް ފެށިއިރު އެ ކުންފުނި ހާލަތާ އަޅާބަލާއިރު، މިހާރު ހާލަތު ވަރަށް ރަނގަޅު ކަމަށާއި އެހެންނަމަވެސް އެ ދަތިތަކުން އެއްކޮށް އަރައިގަތުމުގެ މަސައްކަތް މިހާރުވެސް ކުރަމުންގެންދާ ކަމަށެވެ.
އެގޮތުން އެމްޑަބްލިޔުއެސްސީ ހިންގުމުގެ މަސައްކަތާއި ޒިންމާތައް ހަވާލުކުރެވުނީ، އިޤްތިޞާދީ ދަތިކަމެއްގެ ތެރެއިން ކަމަށާއި އެއިރު އޮތް ހާލަތުން އަރައިގަތުމަށް އަދިވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މަތީން ވިދާޅުވިއެވެ.
”މިސާލަކަށް އެއިރު ހުރި މާލީ ދަތިކަމަށް ބަލާއިރު އެކިއެކި ފަރާތްތަކަށް ފައިސާ ދައްކަންވެފަ ހުރި ބިލުތައް ހުރުމާއި، ފައިސާގެ ދަތިކަމުގެ ސަބަބުން މަޑުޖެހިފައި ނުވަތަ ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށައިގަތުމާ އެކަހަލަ ވަރަށް ގިނަ ގޮންޖެހުންތަކެއްގެ ތެރެއިން އަޅުގަނޑުމެންގެ ދޮޣު އަހަރު މި ނިމިގެންދިޔައީ“ މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ އެހެންނަމަވެސް މިހާރު ހުރީ މުޅިއަކު އެހާލަތުގައި ނޫން ކަމަށާއި ނުދެއްކި ހުރި ބިލުތައް ވެސް މިހާރު ދައްކާފައިވާނެ ކަމަށެވެ.




