އަލްމަރްޙޫމް ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަނގްލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ބަނގްލަދޭޝްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ފަރީދާއި ޢަބްދުއްރަޙްމާން ފަރީދެވެ.
ޝައިޚް ފަރީދު މަސައްކަތް ކުރައްވަމުން ގެންދެވި ޚިދުމަތް ޖަމިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، ބަނގްލަދޭޝްގައި ބިނާކުރި މި މިސްކިތަކީ އެއްވަގުތެއްގައި ޖަމާޢަތުގައި 300 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

މީގެ އިތުރުން، ޚިދުމަތް ޖަމިއްޔާއިން ވަނީ ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް ބޮޑު މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ. އެގޮތުން ހުޅުމާލޭގައި 2,500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ.
ހުޅުމާލޭގައި ބިނާކުރާ މި މިސްކިތުގެ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތު އެ ޖަމިއްޔާއިން މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.



