ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފި އެވެ.
މާނިއު، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހުއެވެ. މިއަދު ރައީސް އޮފީހުން ބުނެފައިވަނީ މާނިއު މިހާރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ބަދަލުކުރައްވާފައި ވާކަމަށެވެ. ބަދަލުކުރެއްވީ ކޮން ސަބަބަކާހުރެ ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މާނިއު ބަދަލުގައި މިއަދު ރައީސް ޑރ. މުހަމައްދު މުއިއްޒު ވަނީ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ފާޠިމަތު ދިޔާނާ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް، ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި އައްޔަންކުރައްވާފަ އެވެ. މިއީ، ކަސްޓަމްސްގެ 134 އަހަރުވީ ދިގު ތާރީޚުގައި މިމަގާމައަށް އަންހެނަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.




