”ވަން ޗައިނާ ޕޮލިސީ“ ދިވެހި ސަރުކާރުން ދަމަހައްޓާނެކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ޗައިނާ ސަރުކާރަށް އަރުވައިފި އެވެ.
މިނިސްޓަރ ޒަމީރު އެ ޕޮލިސީ ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވީ، ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގެ ތެރެއިންނެވެ.
ޗައިނާގެ ސްޓޭޓް ގެސްޓް ހައުސްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީ ވަނީ ފޮރިން މިނިސްޓަރ ޒަމީރު އަދި އަރިހުގައި ވަޑައިގެންނެވި ވަފުދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ މި މަޝްވަރާތަކުގައި، ފޮރިން މިނިސްޓަރ ޒަމީރު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ ”ވަން ޗައިނާ ޕޮލިސީ“ ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ. މިއަދުގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އޭގެތެރޭގައި، އިންފްރާ ސްޓްރަކްޗަރއާއި، ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ.
މިއަދުގެ ބައްދަލުވުމުގައި، މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކޮށް އުސްމިންތަކަށް ގެންދެވުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި، ޗައިނާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިއްމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޒަމީރު ޝުކުރުއަދާކުރެއްވި އެވެ. މިގޮތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ މުހިއްމު ބޮޑެތި މަޝްރޫޢުތައްކަމުގައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާޙުތަކާގުޅޭ މަޢުލޫމާތު މިނިސްޓަރ ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރާ ޙިއްސާކުރައްވައި، މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުންވެސް ވަނީ ދެ ޤައުމު ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަޤީންކަން އައު ކުރައްވައި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފަ އެވެ. ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ޗައިނާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާފަ އެވެ.
ފޮރިން މިނިސްޓަރ ގެ އަރިހުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤު އާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް އާއި، ދިވެހިރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބެއިޖިންގ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމީ ވާހަކަފުޅަށްފަހު، ފޮރިން މިނިސްޓަރ މޫސާ ޒަމީރު އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ޝަރަފުގައި ޗައިނާގެ ފޮރިން މިނިސްޓަރ ރަސްމީ ފަރިއްކޮޅެއް ދެއްވި އެވެ.




