މި ހިނގާ ދިރާސީ އާ އަހަރުގެ ޓާމްތަކުގެ ތެރޭގައި، ބަންދުވާ ދުވަސްވަރުގައި ޓީޗަރުން ސްކޫލަށް ނުނެރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގައިފި އެވެ.
އެޑިއުކޭޝަނުން ސްކޫލްތަކަށް މިކަން އަންގައި އިއްޔެ ފޮނުވި މެމޯގައި ބުނެފައިވަނީ، އަހަރުގެ ފުރަތަމަ، ދެވަނަ އަދި މިޑްޓާމް ބްރޭކް ނުވަތަ ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމުގަ އެވެ.
އެޑިއުކޭޝަނުން މިގޮތަށް ނިންމެވީ ކޮން ސަބަބަކާހުރެ ކަމެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް، ޓީޗަރުން މުޅި އަހަރުތެރޭގައި ބްރޭކެއް ނުލިބި ބޮޑު ޗުއްޓީ އަންނަންދެން މަޑުކުރަން ޖެހޭއިރު، އާއިލާއަށް ލިބޭ ޗުއްޓީގައި އާއިލާއެކު ވަގުތު ހޭދަކުރަން މަގު ފަހިކޮށްދިނުމަކީ މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ވަރަށް ބޮޑަށް ހިތްވަރު ދެއްވާކަމެކެވެ. ޓީޗަރުންނަކީ ސްކޫލް ހުޅުވިފައި ހުންނަ ދުވަހުގެ އިތުރުން ހަފުތާ ބަންދުގަޔާއި ސްކޫލް ޗުއްޓީގައިވެސް ސްކޫލްގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަމުން އަންނަ ބައެކެވެ. އެހެންކަމުން އެޑިއުކޭޝަންގެ މި ނިންމުމާއެކު، ޓީޗަރުންނަށް ބޮޑު ލުޔެއް ލިބި، އާއިލާއާއެކު ޗުއްޓީ ހޭދަ ކުރުމުގެ ފުުރސަތު ލިބިގެންދާނެއެވެ.
ސަރުކާރުން މިހާރު ޚަރަދު ކުޑަކުރުމަށް ތަންފީޒުކުރަމުންދާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، ރަސްމީ މަސައްކަތު ދުވަހުގައި އަދި ރަސްމީ މަސައްކަތު ގަޑީގައި މުވައްޒަފުން ލައްވާ އެންމެ އެކަށޭނެ ގޮތަކަށް މަސައްކަތް ކުރުވުމަކީވެސް މީގެ ބޭނުން ހިފިދާނެ އެއްގޮތެވެ.




