މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުކަމުގައި ހުންނެވި ޢަލީ ހާޝިމް އެ މަޤާމުން ވަކިކޮށްފި އެވެ.
ރައީސްުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ލިބިގެންވާ ބާރުގެ ދަށުން ހާޝިމް މަގާމުން ވަކި ކުަރައްވާފައިވާކަމަށެވެ. އަދި މި ގޮތަށް ނިންމެވީ ރައްޔިތުން މަޖިލީހުން އެކަމަށް މަޝްވަރާދެއްވާފައިވާތީކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
ގަވަރުނަރުކަމުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވަޑައިގެންނެވި 63 މެމްބަރުންގެ ތާއީދާއެކުގަ އެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ 9 މެންބަރުނެނެވެ.
ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ ދިނުމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ހާޝިމް މަގާމުން ވަކި ކުރަން ލަފާ އަރުވަން ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާކަމަށް ބުނެއެވެ.
މި މައްސަލަ ކޮމިޓީން ދިރާސާކުރަމުން ދިޔައިރު، އެކޮމިޓީއަށް ހާޒިރުވުމަށް ދެއްވި ތިން ފުރުސަތުގައި ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް ލިޔުމުން ޖަވާބުދެއްވާފައި ވެއެވެ. ކޮމިޓީއަށް ގަވަރުނަރު ފޮނުއްވި ސިޓީފުޅުގައި ވަނީ، އެމަނިކުފާނާއި ގޫޅޭގޮތުން ކޮމިޓީން ބަޔާންކޮށްފައިވާ އެންމެހައި ކަމަކަށް އިންކާރު ކުރައްވާފަ އެވެ.



