މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު އައްޔަންކުރެއްވުމަށް މަޖިލީހުގެ މަޝްވަރާއަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިކަމާގުޅޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަޤާމަށް އަޙްމަދު މުނައްވަރު ހަމަޖެއްސެވުމާއި މެދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 6 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަމަށެވެ.
އަޙްމަދު މުނައްވަރަކީ، މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމު ފުރުއްވާފައިވާ، މާލީ އިދާރާއިން މަތީ ތަމްރީނާއި ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިހާރު އެމަނިކުފާނު ހުންނެވީ، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގަ އެވެ.
މުނައްވަރު ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރަން މަޖިލީހުގެ މަޝްވަރާއަކަށް ރައީސް އެދިވަޑައިގެންފައިވާއިރު، އެމަގާމުގައި ހުންނެވި އަލީ ހާޝިމް މިއަދު ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އޭނާ މަގާމުން ވަކުކުރެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން އެރުވި ލަފައާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ ރައީސްއަށް ލިބިގެންވާ ބާރާއި އިޚުތިޔާރުގެ މަަތިންނެވެ.



