ބޭހުގެ ބަލްކް ޕްރޮކިއޮމެންޓް ސިޔާސަތު ތަންފީޒުކޮށް، އެ ސިޔާސަތުގެ ދަށުން ފުރަތަމަ ތައާރަފުކުރެވޭ 7 ބޭސް މިއަދުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) މެދުވެރިކޮށް ވިއްކަން ފަށައިފި އެވެ.
ބޭހުގެ ބަލްކް ޕްރޮކިއޮމެންޓް ސިޔާސަތަކީ ސަރުކާރުން، ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) އާގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔޮކޮށް ރާއްޖެ ގެނައުމަށް ތަންފީޒްކުރަން ފެށި ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކުރަމުންދަނީ ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އަދި އާސަންދަ ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ.
މި ސިޔާސަތު މިއަދު ތަންފީޒްކުރުމާއި ގުޅިގެން، އެ ހުރިހައި އިދާރާއެއް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފެންވަރު ރަނގަޅު ބޭސް ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ. މުަހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުފުޅެއްކަމަށްވާއިރު، މިއަދު ތަންފީޒްކުރަން ފެށި މި ސިޔާސަތުގެ ސަބަބުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެކަން ކަށަވަރު ކުރެވިގެންދާނެކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ރާއްޖެއަށް ބޭސް ގެންނަން ހަމަޖެހިފައިވަނީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެގެންނެވެ. އަދި، މި ބޭސްވެގެންދާނީ ބޭސް އުފެއްދުމާއި ހަމައިހެން ފެށިގެން، ބަލި މީހާއާއި ހަމަޔަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްތަކެއްކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން، މި ސިޔާސަތުގެ ދަށުން ރާއްެޖެ އެތެރެކުރުމަށް ހުއްދަދީފައިވާނީ، އަދި ކުރިޔަށް އޮތް ތަނުގައި ހުއްދަދޭނީވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ(ޑަބްލިއުއެޗްއޯ) ލިސްޓެޑް ނުވަތަ ސްޓރިންޖެންޓް ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި ރަސްޖިސްޓްރީކޮށްފައިވުމާއެކު، ޔޫއެންޑީޕީ އާއި އެމްއެފްޑީއޭގެ ކޮލިޓީ މިންގަނޑުތަކުން ފާސްވެފައިވާ ބޭސްތައްކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
”މީގެ ނަތީޖާއެއްގެ ގޮތުން، ޜާއްޖޭގައި މި ސިޔާސަތުގެ ތެރެއިން ގެނެވި ބޭނުންކުރެވޭނީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރުމަށް އެގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަދީފައިވާ ބޭސްތައް އެކަނި.“ ބަޔާނުގައި ބުނެފައި ވެއެވެ.
ދެ މަރުހަލާއަކަށް ބަހާލައިގެން ތަންފީޒުކުރުމަށް ރޭވިފައިވާ މި ސޔާސަތު މިއަދު ތަންފީޒުކުރަން ވަނީ ފަށާފަ އެވެ. އެގޮތުން ފުރަތަމަ މަރުހަލާގެ ދަށުން، އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލްކޯސް އަދި ރީޓޭއިލްކޮށް ފުރަތަމަ ތައާރަފްކުރެވޭ ހަތް ބޭސް މިއަދުން ފެށިގެން ލިބެން ހުންނާނެކަމަށް ބަޔާނުގައި ވެއެވެ.


