”ބޭހުގެ ބަލްކް ޕްރޮކިއޮމެންޓް ސިޔާސަތު“ގެ ދަށުން ނިޒާމުތަކަށް ގެންނަ ބަދަލުތަކަށް އަމަލުކުރަން ފެށުމާއެކު، އާސަންދަ ނިޒާމުގެތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެންދާނެކަމަށް، އެ ސިޔާސަތު ތަންފީޒްކުރަމުންދާ އިދާރާތަކުން ބުނެފި އެވެ.
މި ސިޔާސަތު ތަންފީޒުކުރަމުގެ މަސައްކަތް މަތިކުރެވިފައިވާ ހެލްތު މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ)، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) އަދި އާސަންދަ ޕްރައިވެޓް ލިމިޓެޑް ގުޅިގެން މިއަދު އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ، މިއަދު އެ ސިޔާސަތު ތަންފީޒްކުރަން ފެށުމާއެކު، އާސަންދައިގެ ނިޒާމު ހިމެނޭހެން ގުޅުންހުރި ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެންނަން ފަށާނެކަމަށެވެ. މި ބަދަލުތަކާ ގުޅޭ މައުލޫމާތު މިހާރު އާންމު ސިއްހީ ނިޒާމުގައި މަސައްކަތްކުރާ ހުރިހައި ޑޮކްޓަރުންނަށް ފޯރުކޮށްދީފައިވާއިރު، މި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ވަގުތު ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ވަގުތު ދޭނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
”މި ބަދަލުތަކަށް އަހުލުވެރުކުރުވުމުގެ އިތުރު ޕްރޮގްރާމްތައް ކަމާގުޅުން ހުރި އިދާރާތަކުން ހިންގާ 1 އޮކްޓޯބަރު 2024 އިން ފެށިގެން ހުރިހާ ބަދަލަކަށް އަމާލީ ސިފަ ގެނެވޭނެ.“ ބަޔާނުގައި ވެއެވެ.
ބަޔާނުގައި ބުނެފައިވަނީ، މި ސިޔާސަތު ތަންފީޒުކުރަން ފެށުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ފެންވަރު ރަނގަޅު ބޭސް ދިވެހި ރައްޔިތުންނަށް ލިބޭއިރު، މިހާރެކޭވެސް އެއްގޮތަށް މި ބޭސްތަކަށް އާސަންދަ ނިޒާމުގެ ތެރެއިން ފުލް ކަވަރޭޖް ލިބޭނެއެވެ. އަދި، އާސަންދަ ނިޒާމުގެތެރޭގައި ހުރި ބޮޑެތި ލީކޭޖްތައް ހުއްޓުވި، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް މަގުފަހިވެގެންދާނެއެވެ.
”މީގެ ނަތީޖާއެއްގެގޮތުން އެންމެ ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވުމާއެކު އާސަންދައިގެ ތެރެއިން ބޭހަށް ކުރެވޭ ޚަރަދު ވަރަށް ބޮޑުތަނުން ސަލާމަތްކުރެވި، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ފުރުސަތު ތަނަވަސްވެގެން ދާނެ.“ ބަޔާނުގައި ވެއެވެ.
ބޭހުގެ ބަލްކް ޕްރޮކިއޮމެންޓް ސިޔާސަތަކީ، ސަރުކާރުން، ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) އާގުޅިގެން އެސްޓީއޯ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން ބަލްކް ޕްރޮކިޔޮކޮށް ރާއްޖެ ގެނައުމަށް ތަންފީޒްކުރަން ފެށި ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ފުރަތަމަ ތައާރަފު ކުރި 7 ބޭހެއް މިއަދު އެސްޓީއޯއިން ވަނީ ރީޓެއިލް އަދި ހޯލްސޭލްކޮށް މިއަދު ވިއްކަން ފަށާފަ އެވެ.
ބޭހުގެ ބަލްކް ޕްރޮކިއޮމެންޓް ސިޔާސަތަކީ، ހައްލެއްނެތި ބޮއްސުންލާފައި ދުވަސްވީ މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ވަރަށް މުހިންމު ސިޔާސަތެއް ތަންފީޒުކުރެވުމުގެ ފެށުންކަމުގައި ކަމާއިގުޅޭ އިދާރާތަކުން ސިފަކުރައްވާފައި ވެއެވެ.



