ރާއްޖޭގެ މާލީ އަދި އިގުތިސާދީ ހާލަތު ޗައިނާގެ އެކްޒިމް ބޭންކާ ހިއްސާކޮށްފި އެވެ.
މިކަން ހިއްސާކޮށްފައިވަނީ، ޗައިނާގެ ޚާރިޖީ ވަޒީރު ވޮން ޔީގެ ދައުވަތަކަށް ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެެރެއިން، މިއަދު ޗައިނާގެ އެކްޒިމް ބޭންކުގެ ޗެއަރމަން ވޫ ފުލިން އާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަތާކުރެއްވާފައިވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި ހިންގޭ މައި މަޝްރޫއުތަކަށް ފައިނޭންސް ހޯދުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން އެ މަޝްރޫއުތައް ކުރިޔަށްގެންދިއުމުގައި ކުރިޔަށްއޮތް ތާނގައި، އެއްބާރުލުން ދެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޒަމީރު ވަނީ، ރާއްޖޭގެ މާލީ އަދި އިގުތިސާދާ ގުޅުންހުރި ކަންކަމުގެ އަދާހަމަ، ޗައިނާގެ އެކްޒިމް ބޭންކްގެ ޗެއަރަމަންއާ ހިއްސާކުރައްވާފަ އެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ މާލީ އިސްލާހީ ޕްރޮގްރާމްގެ ތަފުސީލުގެ ވެސް މިނިސްޓަރު، ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރުގެ އަރިހުގައި، ޗައިނާއަށް ވަޑައިގެން އުޅުއްވާ މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤު އާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް ބައިވެރި ވަޑައިގެންނެވި އެވެ. އަދި، އެޒިމް ބޭންކްގެ އިސް އޮފިޝަލުން ބައިވެރި ވަޑައިގެންނެވި އެވެ.



