ފުލުހުންގެ މެމޯރިއަލް ދުވަސް ފާހަގަކޮށްފި އެވެ.
ފުލުހުންގެ މެމޯރިއަލް ދުވަހަކީ ފުލުހުންގެ ޒިންމާ އަދާކުރަމުން ދަނިކޮށް ނުވަތަ ޒިންމާ އަދާކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
މި އަހަރުގެ މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން ވަނީ އާކޮށްފަ އެވެ. އެގޮތުން، މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ވަނީ ބައި ދަނޑިއަށް ތިރިކޮށްފަ އެވެ. އަދި ދުވަހާ ގުޅިގެން ޚާއްސަ ދުއާއެއް ކޮށް، އެ ފުލުުހުންގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފަ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަސް ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުއެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ ދަށުންނެވެ.
ޖުލައި 23 ވަނަ ދުވަހަކީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ކ. ކާށިދޫގައި ފުލުހަކު ރަސްމީ ޑިއުޓީގައި ރައްޔިތުންގެ ޚިދުމަތުގައި ހުއްޓައި، ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުން ޝަހީދުވެ ޕޮލިސް ސަރޖަންޓް އާދަމް ޙަލީމު މި ދުނިޔެއާ ވަކިވެގެންދިޔަ ހިތާމަވެރި ދުވަހެވެ. ފުލުހުންގެ މެމޯރިއަލް ދުވަސް ނިސްބަތްވަނީ ޝަހީދު ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ހާދިސާއަށެވެ.
މި ހިތާމަވެރި ހާދިސާއަކީ ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި، ފުލުހުން ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހެއްކެކެވެ. ޝަހީދު އާދަމް ޙަލީމުގެ ޤުރުބާނީއަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ދައްކުވައިދެއްވި މަތިވެރި ނަމޫނާއެކެވެ.


