ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ގެ ބަޖެޓް އެއާލާއިނެއް ކަމަށްވާ އެއާ އަރަބިއާއިން ރާއްޖެއަށް ދަތުރު ފަށާކަން އިއުލާނުކޮށްފި އެވެ.
އެއާ އަރަބިއާގެ ދަތުރުތައް ދުނިޔޭގެ އިތުރު މަންޒިލް ތަކަށް ފުޅާކުރުމަށް ޕްލޭންކޮށްފައިވާ ގޮތް ހާމަކޮށް އިއްޔެ އެ އެއާލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދަތުރު އަލަށްފަށާ މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.
އެ އެއާލާއިނުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ދަތުރު ފަށާނީ މިއަހަރުގެ އޮކްޓޯބަރުމަހުގެ 27 ވަނަ ދުވަހު އެވެ. އެދުވަހު ދަތުރު ފަށަން މިހާރު ތާވަލުކޮށްފައިވާއިރު، ހަފުތާގެ ކޮންމެ ދުވަހަކު އެއް ފްލައިޓް ރާއްޖެއަށް ކުރާގޮތަށް ވަނީ ނިންމާފަ އެވެ.
ރާއްޖެއަށް ދުވާލަކު އެއް ފަހަރު ދަތުރެއް ކުރަން ތާވަލުކޮށްފައިވާއިރު، މިދަތުރުތައް ކުރާނީ، އެއެއާލައިންގެ މައި އެއް ހަބް ކަމަށްވާ ޔޫއޭއީގެ ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އަށެވެ. ރާއްޖެއަށް ކުރާ މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރަން ހަމަޖެހިފައިވަނީ، އޭ-320 އަދި އޭ-321 މަރުކާގެ ބޯޓުތަކެވެ.
އެއާ އަރަބިއާ މިހާރު ވަނީ، ޓިކެޓް ވިއްކާ އަގުވެސް ކަނޑައަޅައި، ޓިކެޓް ބުކްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. އެއްކޮޅު ޓިކެޓެއްގެ އަގަކީ، 699 ޔޫއޭއީ ދިރްހަމް އެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ، 2,934 ރުފިޔާ އެވެ.
ރާއްޖެއަށް މި ފަށާ ދަތުރުތަކަކީ އެއާ އަރަބިއްޔާއިން ދަތުރުކުރާ ފަސިންޖަރުންނަށް ލުއި ފަސޭހަކަމާއެކު އިންޑިއާ ކަނޑުގެ މަންޒިލްތަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭ މަގު ފަހިކޮށްދިނުމުގެ ގޮތުން ފަށާ ދަތުރުތަކެކެވެ.
އެއާ އަރަބިއްޔާއިން އަލަށް ދަތުރު ފަށަން ނިންމި މަންޒިލްތަކުގެ ތެރޭގައި، އޮސްޓްރިއާގެ ވިއެނާ ހިމެނެއެވެ. ޔޫއޭއީގެ އެމިރޭޓްސް އިން ވިއެނާއަށް މިދަތުރުތައް ފަށަން ނިންމާފައިވަނީ ޑިސެންބަރުމަހުގެ 20 ވަނަ ދުވަހުއެވެ.



