ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވުމަށް ނިންމަވައިފި އެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލައްވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
އިނާމު ދޭން ކޮމިޓީން ކަނޑައެޅުއްވި 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މި ބޭފުޅުންނަށް މި އިނާމު ދެއްވާނީ، މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. މާރޗް 28 ގެ ނިޔަލަށް ނަން ހުށަހެޅުމުގެ ފުރުސަތު ދީފައި ވެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެމީހަކު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުން ކޮމިޓީން ބެލުމަށްފަހުގަ އެވެ. މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހެޅެއެވެ. އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި، ނުވަތަ ޚިދުމަތްކުރަމުންގެންދާ މީހަކަށް ވާންޖެހެ އެވެ.
އިނާމު ދިނުމަށް ކަނޑައެޅުމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ބެއްލެވި ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ޤާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާޞްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ޤާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ. އަދި އެ މުއައްސަސާއިން ހިންގައިފައިވާ އެކިއެކި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ޚިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބައްލަވާފައި ވެއެވެ. މީގެ އިތުރުން، އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަން ނުވަތަ ނޫންކަންވެސް ކޮމިޓީން ޔަޤީން ކުރައްވަ އެވެ.




