މަރުޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުކަމުގެ މަގާމަށް އައްޔަނުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންފުޅާއި ގުޅޭގޮތުން އާންމުގެ ޚިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލާއިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަޤާމުގައި މިހާރު ހުންނެވި، އަހްމަދު މުނައްވަރު ގަވަރުނަރުކަމަށް އައްޔަންކުރުމާމެދު މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސް އިއްޔެ މަޖިލީހަށް ފޮނުއްވި ސިޓީ އަޑު އިއްވުމަށްފަހު، އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.
މާލިއްޔަތު ކޮމިޓީން މި މައްސަލައިގައި މިއަދު ބޭއްވި ބައްދަލުވުުގައި، އެ ކޮމިޓީގެ މުގައްރިރު, ގާސިމް އިބްރާހިމް ވިދާޅުވީ މިއަދު މުނައްވަރުއާއި އިންޓަވިއު ކުރައްވަން ގަސްދުކުރެއްވި ނަމަވެސް، މުނައްވަރު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ އިންޓަވިއުއެއް ނުކުރެއްވޭނެކަމަށެވެ. އެކޮމިޓީން މިއަދުވަނީ މުނައްވަރުގެ ނަން ދިރާސާކުރުމުގެ ގޮތުން، އެމްއެމްއޭ ގާނޫނުގައިވާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް ބޭނުންވާ މައުލޫމާތު ހޯދަން ހަ ފަރާތަކަށް ސިޓީ ފޮނުވާފަ އެވެ.
މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮމިޓީގެ ރިޕޯޓު ނިންމައި މަޖިލީޙުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައިވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މުނައްވަރު ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރުމުގެ މައްސަލައިގައި އާންމުންގެ އެއްވެސް ޝަކުވާއެއް ވޭތޯ ބެލުުމަށްޓަކައި، އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅާއި ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް ވޭތޯ، ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201ވަނަ މާއްދާގެ (ރ)ގެ ދަށުން މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ޝަކުވާއެއް އޮތްނަމަ، މާދަމާ މެންދުރުފަހު 02:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އިނގޭނެގޮތަށް public.accounts_commitee@majlis.gov.mv މެއިލްއަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ފޮނުއްވައިދިނުމަށް އެދޭކަމަށެވެ.



