މިމަހުގެ 8 ވަނަ ދުވަހު، ހުޅުމާލޭ ފޭސް-1ގައި ހިންގާފައިވާ މާރާމާރީއަކާ ގުޅިގެން އިތުރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ގްރޫޕަކުން ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާވި މި މައްސަލައިގައި ޝާމިލުވާ މީހުން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި މިއަދު ފުލުހުން ބުނެފައިވަނީ، މި މާރާމާރީއާ ގުޅުން ހުރި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



