އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑެމުން އަންނަ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ސިޓީއަށް އާ ޖެނަރޭޓަރެއް ފޮނުވުމުގެ މަސައްކަތްކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ މައްސަލައިގެ ތަފުސީލު ހާމަކޮށް މިއަދު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީގައި ހަރު ކުރެވިފައިހުރި ޖެންސެޓްތަކުގެ ތެރެއިން 8.1 މވ ގެ އިންޖީނަށް ދިމާވެފައިވާ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގ ގުޅިފައިވާ ރަށްތަކަށް ބޭނުންވާ މިންވަރަށް ކަރަންޓު އުފެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި، އެ އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ އަކީ ރާއްޖެއިން ލިބެން ހުންނަ އެޗަކަށް ނުވާތީ، އެ ސްޕެއަރ ހޯދުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައިވާކަމަށެވެ.
”ސްޕެއަރ ހޯދާ، އިންޖީނު މަރާމާތު ކުރުމުގެ އިތުރުން، މި މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް މި ކޯޕަރޭޝަނުން ދަނީ ކުރަމުން. މިގޮތުން، 6.1 މވ ގެ އައު ޖެންސެޓެއް އައްޑޫ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން.“ ފެނަކައިން ބުނެފައި ވެއވެެ.
ފެނަކައިން ބުނީ، ޖެނެރޭޝަން ކެޕޭސިޓީގެ މައްސަލައިގެ އިތުރުން، އައްޑޫ ސިޓީގެ މަގު ހެދުމުގެ މައްސަކަތް ކުރިއަށް ގެންދާ ކުންފުނި އެފްކޮންގ އަތުން ދިމާވި ސަބަބަކާހުރެ ކަމަށް ފެނަކައިން ބުނެފައި ވެއެވެ. އެގޮތުން، އެ މަސައްކަތުގެ ތެރެއިން އެޗް.ވީ ކޭބަލާއި ނެޓްވޯކަށް ތަކުރާރުކޮށް ގެއްލުންވެ ހިތަދޫ ސީ.ޕީ.އެސްއާ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ ހާދިސާތަކާއި ވަނީ މީގެކުރިން ވެސް ކުރިމަތިވެފައިވާކަމަށެވެ. މިގޮތުން، މިމަހުގެ އެއްވަނަ ދުވަހު އެފްކޮންގ އަތުން އެޗްވީ ކޭބަލް ހަލާކުވުމާއިގުޅިގެން ނެޓްވޯކަށް މައްސަލަތަކެއް ދިމާވިކަމަށެވެ. އަދި، އިއްޔެ ދިމާވި މައްސަލައަކީވެސް އޭގެ ފަހުން ނެޓްވޯކަށް ދިމާވާންފެށި މައްސަލައެއްކަމަށް ފާހަގަކުރެވޭ ކަމަށާއި، އިޔެއް ދިމާވި މައްސަލަ ފެނަކައިގެ ޓެކްނިކަލް ޓީމުން މިހާރު ހައްލުކޮށްފައިވާކަމަށް ފެނަަކައިން ބުނެފައި ވެއެވެ.
”އިއްޔެވެސް ނެޓްވޯކަށް ދިމާވި މައްސަލަ މި ކޯޕަރޭޝަންގެ ޓެކްނިކަލް ޓީމުން މިހާރު ވަނީ ވަގުތީ ގޮތުން ހައްލުކޮށްފައިކަން ފާހަގަކުރަން. ނަމަވެސް، މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ސަބަބުން ނެޓްވޯކަށް ދިމާވާ މައްސަލަ އިތުރަށް ދިމާވެދާނެކަމަށް މި ކޯޕަރޭޝަނަށް ޤަބޫލު ކުރެވޭ. އެހެންކަމުން މިކަން ހައްލު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި އަރުވަން.“ ފެނަކައިން ބުނެފައި ވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު ދަށްވެ، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ މިހާރު ވަގުތީ ގޮތުން ހައްލުކުރެވިފައިވީ ނަމަވެސް، ކުރިޔަށް އޮތް ތާނގައިވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ކުންފުނިން ދެމުން ގެންދާ ޙިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް ކަމަށް ބުނެ، އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ފެނަކައިން ވަނީ މައާފަށް އެދިފަ އެވެ.
އައްޑޫ ސިޓީގ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް، ކުރިއަށް އޮތް 20 އަހަރަށް ބޭނުންވާ ވަރަށް ކެޕޭސިޓީ އިތުރުކުރުމަށް، ޑީސަލް ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ސިސްޓަމް ޕްރޮޖެކްޓް ފޮރ އައްޑޫ ސިޓީގެ ނަމުގައި ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހާވާލުކޮށްގެން ޒަމާނީ ޕަވަރ ހައުސްއެއް ޤާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.




