މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން، ރައްކާތެރި މަގުތަކަކަށް ހަދަން ޓްރާސްޕޯޓު މިނިސްޓަރީން އިސްނަގައިގެން ”މާލެ ފަހި ޕްރޮގްރާމް“ އިފުތިތާހު ކޮށްފި އެވެ.
މިކަމަށް ޚާއްސަކޮށްގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ”މާލެ ފަހި ޕްރޮގްރާމު“ގެ ފޮތްވެސް ނެރެދެއްވާފަ އެވެ.
މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި، އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ އިތުރުން، މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.
މާލެ ފަހި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.



