މާލެ ސަރަހައްދުގައި ކުނި އުކާލުމާއި ބޮޑެތި އުޅަނދުތަކުގައި މުދާ އުފުލާ ގަޑިތަކަށް ބަދަލުގެންނަން ސަރުކާރުން ނިންމައިފި އެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ރޭ އިފްތިތާހު ކުރި ”މާލެފަހި ޕްރޮގުރާމް“ ގައިވާ ގޮތުންނަމަ، ވަކި ސައިޒަކަށް ވުރެ ބޮޑެތި އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުން ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލު ކުރަން ނިންމާފައި ވެއެވެ. އަދި ކުނި އުކާލުން ނުވަތަ ގޭ ބިސީތަކުން ކުނި ނެގުން ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބަދަލުކުރުންވެސް އެ ޕްރޮގްރާމްފައި ހިމަނާފައިވެއެވެ.
މި ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން ރޭ ހާމަ ކުރެއްވި ނަމަވެސް، މިކަން ތަންފީޒުކުރަން ފަށާ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ”މާލެފަހި ޕްރޮގުރާމް“ ގައި ހިމެނޭ ކަންކަން ތަންފީޒްކުރާނީ ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކާ އިދާރާތަކާއި ގުޅިގެން، އެއިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައި ކަމަށެވެ.
މާލެ ސަރަަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތް ދެމުން އަންނަނީ ވެމްކޯއިންނެވެ. ވެމްކޯއިން މިހާރު ގޭ ބިސީތަކުން ކުނި ނަގަމުން އަންނަނީ ރޭގަނޑު 7 އިން 10 އަށެވެ. ސަރުކާރުން ރޭ ކުނި އުކާލާ ގަޑިއަށް ބަދަލު ގެންނަކަން އިއުލާނުކުރެއްވުމާއި ގުޅިގެން އެކުންފުނިން މިހާރު ދަނީ، އެކަމާ މަޝްވަރާ ކުރަމުންނެވެ.
”މާލެފަހި ޕްރޮގުރާމް“ގެ ދަށުން، ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުމާއި، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމުގެ އިތުރުން މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމަށް ގިނަ ކަންތައްތަކެއް ހިމަނާފައި ވެއެވެ.
”މާލެފަހި ޕްރޮގުރާމް“އަކީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.



