މިނިވަން ދުވަހާއި ގުޅުވައިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާދަމާ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްކަމުގައި ކަނޑައަޅާފައިވާކަމަށެވެ. އަދި މި ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން އެދުވަހު ދުއްވަން ހުއްދާދޭ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުމަކީ ”އެއްގަމު ދަތުރުފަތުރުގެ ޤާނޫނު“ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން މަނާކަމެއް ކަމުގައި ޢާންމުކޮށް އަންގާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ދުއްވުން މަނާ ވަގުތު ދުއްވުމަށް ހުއްދަދޭ އުޅަނދުތައް:
- ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
- އެމްބިއުލެންސް
- ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދު
- ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
- ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް
- މިނިވަން ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އެހެނިހެން އުޅަނދުތައް
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު އެއްގަމުދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.
އާންމުކޮށް ފަހަކަށް އައިސް މިފަދަ ޚާއްސަ މުނާސަބަތުތަކުގައި، އާންމުންނަށް ފަސޭހައިން މަގުމަތީ ހިނގާބިގާވެ އުޅެވޭގޮތަށް، އެދުވަސްތަކުގެ ހަވީރު އުޅަނދުތައް ދުއްވުން ސަރުކާރުން ދަނީ މަނާކުރަމުންނެވެ.



