ސިނަމާލެ ބްރިޖް އިން ޓޯލް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ ރޭ އިފުތިތާހު ކުރި ”މާލެފަހި“ ޕްރޮގުރާމުގެ ތެރެއިން، ސިނަމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް އަންނަމަހު ދިރާސާއެއް ހެދުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައި ވަނިކޮށްނެވެ.
މިކަމާއި ގުޅުވައިގެން ސިޔާސީ ފަރާތްތަކާއި، ސަރުކާރު ދެކޮޅު ފަރާތްތަކާއި އާންމު ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ރައީސްއަށް ނިސްބަތްކޮށް މެސެޖުތައް ހިއްސާކުރަމުންނެވެ. އެ މެސެޖުތަކުގައި ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް މުއިއްޒު އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނުނަންގަވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު އެ ރާގު ބަދަލުކޮށްފައިވާ ކަމަށެވެ.
ބްރިޖުން ފީ ނެގުމުގެ މައްސަލައިގައި ރައީސް، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ”މާލެފަހި“ ޕްލޭންގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާ އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި، އެ ދިރާސާކުރުމަށްފަހު އެމަނިކުފާނަށް ޓޯލް ނަގަން ފަންނީ ލަފާ އެރުވިޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
”މާލެފަހި“ ޕްރޮގްރާމް ކުރިޔަށްގެންދަން ނިންމާފައިވަނީ ޖޫން 23 ވަނަ ދުވަހު ބޭއްވި ކެބިނެޓް ޖަލްސާގަ އެވެ.




