މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސްވެރިން މިއަދު މާލޭ ވިޔަފާރި ބަނދަރުގެ ކާގޯ އޮޕަރޭޝަން ހިނގާ ގޮތް އަމަލީ ގޮތުން ތަޖުރިބާ ކުރައްވައިފި އެވެ.
އެމްޕީއެލްގެ މުވައްޒަފުން ބަނދަރުގެ ކާގޯ އޮޕަރޭޝަނަށް އަހުލުވެރި ކުރުވުމުގެ ގޮތުން މިއަދު އެ ކުންފުނިން ޕްރޮގްރާމެއް އިފްތިތާހުކޮށްފައިވާއިރު، އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމާއި، ހުރިހާ ޑިޕާޓްމަންޓްތަކެއްގެ އިސްވެރިން ބަނދަރަށް ވަޑައިގެން، އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އޮޕަރޭޝަން ހިނގާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވައި، އޮޕަރޭޝަން ހިނގާ ގޮތް އަމަލީ ގޮތުން ތަޖުރިބާ ކުރައްވާފަ އެވެ.
ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަޖީހް ވިދާޅުވީ ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ކުންފުނީގެ އިސްވެރިން މިއަދު އަމަލީ ތަޖުރިބާ ކުރެއްވި ނަމަވެސް، ކުރިޔަށް އޮތް ތާނގައި އެކުންފުނީގެ އެކި ފެންވަރުގެ ހުރިހައި މުވައްޒަފުންނަށް މި ފުރުސަތުދޭނެކަމަށެވެ. އަދި ދެ ހަފްތާތެރޭގައި ޕްރޮގްރާމް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. މި ޕްރޮގްރާމްގެ ސަބަބަުން، ކުންފުނީގެ ހުރިހައި މުވައްޒަފުން ކާގޯ އޮޕަރޭޝަނަށް އަހުލުވެރިވުމުން ކުރިޔަށް އޮތް ތާނގައި އެކި ޑިޕާޓްމެންޓްގެ ހެޑުންވެސް ހިމެނޭހެން ހުރިހާ ފަންތިއެއްގެ މުވައްޒަފުން ކާގޯ އޮޕަރޭޝަނަށް މީހުން މަދުވާ ދަނޑިވަޅުތަކުގައި މަސައްކަތުގައި ޝާމިލުވާނެކަމަށްވެސް ވަޖީހް ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ، މިހާރު ކާގޯ ސެކްޝަންގެ މުވައްޒަފުން ބައެއް ހާލަތްތަކުގައި މަސައްކަތަށް ނުނިކުންނަ ދުވަސްދުވަހު މަސައްކަތަށް އޭގެ އަސަރު ކުރާ ކަމަށާއި، މި ޕްރޮގްރާމްގެ ސަބަބުން ކާގޯ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ދިއުމަށް މަގު ފަހިވެ، މުވައްޒަފުން މަދުވާ މައްސަލައަށްވެސް ހައްލެއް ލިބި، އޮޕަރޭޝަންވެސް މިހާރަށްވުރެ ބޮޑަށް އަވަސްވެގެންދާނެކަމަށެވެ.
ކޮންމެ ދުވަހަކު ބޯޓްތައް ހުސްކުރުމުގައި މީހުން ނެތިގެން، ނޫނީ ބޭނުންވާވަރަށް ބަނދަރުގެ ގްރައުންޑް ސްޓާފް ނެތިގެން މަސައްކަތް ލަސްވަމުންދާތީ، މިއަދު ފެށިގެން ބަނދަރަށް އެދުވަހަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު، އަދި މަދުވާ އަދަދު ސީއީއޯ ބިއުރޯއަށް އެންގުމަށް ވަޖީހް މިހާރު ވަނީ ޑިޕާޓްމަންޓްތަކުގެ ވެރިންނަށް އަންގަވާފަ އެވެ. އަދި، ކާގޯ އޮޕަރޭޝަނަށް އޮފީހުގެ މުވައްޒަފުންވެސް ނިކުމެ، ގްރައުންޑް ފޯސްއަށް ބޭނުންވާ އަދަދު ހަމަކުރުމަށާއި، އަދި މިފަދަ ހާލަތްތަކުގައި ޑިޕާޓްމެންޓްގެ ހެޑުންވެސް މަސައްްކަތަށް ނިކުންނަންވާނެކަންވެސް ވަޖީހް ވަނީ އެބޭފުޅުންނަށް އަންގަވާފަ އެވެ.



