ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙަައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށާއި، މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަޤީޤީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ. މިގޮތުން ދައުލަތުގެ ޚަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު މި ޖަލްސާގައި ޙިއްޞާކުރެއްވިއެވެ. ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް ޢާންމުކުރެވޭނެ އުޞޫލެއް ތަޢާރަފްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ޢާންމުކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހަމަ އެއާއެކު އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ފަހިކޮށްދެއްވަމުންދާކަމަށާ، ރައްޔިތުން ބޭނުންވާ ކަންކަން އަހާ އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ ޝަކުވާތަކާ ޚިޔާލު ސީދާ ރައީސަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލްއަށް ލިބޭ ހުށަހެޅުންތަކަށްވެސް ޖަވާބުދެމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވި އެވެ. މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެކަމަށާ، މީޑިއާތައް ފުރިހަމައަށް ހަރުދަނާ ގޮތެއްގައި ހިންގުމަށް މި ސަރުކާރުން މީޑިއާ ވިލެޖް ޤާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ އަދާހަމަ މި ޖަލްސާގައި ރައީސް ވަނީ ޙިއްޞާކުރައްވާފަ އެވެ. މި ވިލެޖް ޤާއިމުކުރައްވާނެ ތަން ހަމަޖައްސަވައިފިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މީޑިއާ ވިލެޖްގެ ޚިދުމަތް ލިބެން ފަށާނެކަމަށެވެ. އަދި ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއްގެ އެހީއެއް ދެއްވުމަށް ވެވަޑައިގަތް ވަޢުދުގެ ދަށުން، އަންނަ އަހަރު ނޫސްމީޑިއާތަކަށް ފައިސާ ދެއްވަން ފަށްޓަވާނެކަންވެސް މި ޖަލްސާގައި ރައީސް ވަނީ އިޢުލާންކުރައްވާފަ އެވެ.




