ހިލޭ ބޯންމެރޯ ފަރުވާ ދިނުމަށް ސަރުކާރުން ވީ ވައުދުގެ ދަށުން 14 ފަރާތަކުން އެ ޚިދުމަތް ހޯދަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަނގަކުރައްވައި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފުކުރައްވާފައިވާކަން ފާހަގަކުރައްވައި އެ ޚިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ ވަޢުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާކަމުގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން މިހާތަނަށް 14 ފަރާތަކުން މި ޚިދުމަތް ހޯދަމުން ދާކަމުގައި ވިދާޅުވެ އޭގެތެރެއިން 3 ފަރާތަކުން މި ފަރުވާ ފުރިހަމަ ކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން މި ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ މިރޭގެ ޖަލްސާގައި ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ޞިއްޙީ މަރުކަޒުތަކުން ހެދޭނެކަން ފާހަގަކުރައްވައި މި ޚިދުމަތް ދިނުމަށް މި ސަރުކާރުން ’ޕޮއިންޓް އޮފް ކެއަރ“ ވަޞީލަތްތައް ހުރިހާ ރަށެއްގައި ޤާއިމުކުރައްވާފައިވާކަމުގައި ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަރުދީ މިނިވަންކަމާއި ރަށްރަށުގެ ދިރިއުޅުން ފަހިކޮށްދެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި އެވެ. ހަމައެއާއެކު ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ޤާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ހުރިހާކަމެއް ހަމަޖެހިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުންވެސް އާސަންދަ މެދުވެރިކޮށް އައި.ވީ.އެފް ޓްރީޓްމަންޓް ޚިދުމަތް ދިނުމަށާއި އަދި ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތައް ތަޢާރަފުކުރުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހަމައެއާއެކު ހުޅުމާލޭގައި ތެލެސީމިއާ ޚިދުމަތް ދޭ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ބިން ކަނޑައަޅާފައިވާކަމަށާއި، މިތަން ފުރިހަމަ ކުރެވުމުން ތެލެސީމިއާގެ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެވި ވަށާޖެހޭ ގޮތެއްގައި މިޚިދުމަތް ރައްޔިތުންނަށް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.



