ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒު ވިދާޅުވީ، މި މަޝްރޫއު އަންނަ ސެޕްޓެންބަރުމަހު ފަށްޓަވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމުގަ އެވެ. މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ ދުވަސްތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އެކިރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދަރިވަރުން އެމަނިކުފާނުގެ ކިބައިން އެންމެބޮޑަށް އެދުނު އެއްކަމަކީ ސްކޫލްތައް އޭސީކުރުން ކަމުގައެވެ. އެގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢުވެސް މިހާރު ފަށާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވަޢުދުކަން ފާހަގަކުރައްވައި މިހާރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގައި މާއްދާއެއްގެ ގޮތުގައި ޤައުމިއްޔަތު ކިޔަވައިދޭން ފަށާފައިވުމާއި ސްކޫލް އެސެމްބްލީގައި މިހާރު ޤައުމީ ސަލާން ކިޔަމުން ދިއުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ނެޝަނަލް އައިޑެންޓިޓީއެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވައިގެން ސަރުކާރުން ކުރިޔަށްގެންދަވާކަން އެމަނިކުފާނު ފާހަގަކުރައްވާފައި ވެއެވެ.



