މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ އެއް ރިޕޯޓްކޮށްފައިވާކަމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން މިއަދު ބުނެފައިވަނީ، މިއަހަރުގެ އަހަރުގެ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް އެ ވުޒާރާއަށް ޖުމްލަ 1341 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ އެއް އެ ވުޒާރާއަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރޭގައި، ޖިންސީ ހާނިއްކަ ކުރުމުގެ 19 މައްސަލައާއި، ޖިސްމާނީ އަނިޔާ ކުރުމުގެ 101 މައްސަލައާއި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 80 މައްސަލައާއި، އިހުމާލުގެ 9 މައްސަލައާއި، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 3 މައްސަލައެއް ހިމެނޭކަމަށް އެވުޒާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، މާލީ އަދި އިޤުތިޞާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލައާއި، މުދާ ހިފެހެއްޓުމާއި މުއްދަލަށް ގެއްލުންދިނުމުގެ 3 މައްސަލައާއި، ހިފެހެއްޓުމުގެ އަމަލުގެ 2 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 14 މައްސަލައިގެ އިތުރުން، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 4 މައްސަލަވަނީ ހުށަހަޅާފައިވާކަމަށްވެސް އެވުޒާރާއިން ބުނެފައި ވެއެވެ.
މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އެ ވުޒާރާއަށް ހުށަހާޅާފައިވާ އެހެނިހެން މައްސަލަތަކަށް ބަލާއިރު، އަޅާލުމާއި ބެލެހެއްޓުމުގެ 116 މައްސަލަ ހުށަހަޅާފައި ވެއެވެ. އެއީ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 94 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 22 މައްސަލަ އެވެ.
މީގެ އިތުރުން އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 7 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި ވެއެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލައާއި، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލައާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައިގެ އިތުރުން، ސްކޫލާށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލަ އެވެ.
އަދި، އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 20 މައްސަލައާއި، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 22 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ 38 މައްސަލަވަނީ ހުށަހަޅާފައި ވެއެވެ.
ކުއްޖަކަށް ނުވަތަ މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރާކަން އެނގޭނަމަ ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެދިފައި ވެއެވެ. އެގޮތުން ކުއްޖަކަށް އަނިޔާކުރާނަމަ ޗައިލްޑް ހެލްޕް ލައިން 1412 އަށް ގުޅައި ރިޕޯޓު ކުރެވޭނެއެވެ. އަދި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ސޯޝަލް ސަރވިސް ހެލްޕްލައިން 1421 ގުޅައި ރިޕޯޓުކުރެވޭނެ އެވެ.




