ބްރެޒިލްގެ ފޯވާޑް އެންޑްރިކްގެ 18 ވަނަ އުފަންދުވަސް ފާހަގަކުރިތާ ދުވަސްތަކެއް ފަހުން ރެއާލް މެޑްރިޑާއި ގުޅިއްޖެއެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެންޑްރިކް ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ރިއާލް މެޑްރިޑާ އެކު ސޮއިކުރީ، 35 މިލިއަން ޔޫރޯ އާއި އިތުރު 25 މިލިއަން ޔޫރޯގެ އެޑްއޮންސް ތަކާ އެކުގަ އެވެ.
އެންޑްރިކް ރެއާލްގެ ޓީމަށް ކުޅެން އަރާނީ 16 ނަންބަރު ޖާޒީ ލައިގެންނެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި އެންޑްރިކް ބުނީ، އޭނާއަކީ ވަރަށް ކުޑައިރުއްސުރެވެސް އަބަދުވެސް ރިއާލްގެ ސަޕޯޓަރެއްކަމަށާއި، ރިއާލްއަށް ކޫލެން ފުރުސަތު ލިބުނީމައި ވަރަށް އުފާވާކަމަށެވެ.
”އަހަރެންނަށް އިހުސާސް ކުރެވޭ ގޮތް ބަޔާންކޮށްދޭން ބުނާނެ އެއްޗެއް ހިތަކަށް ނާރާ. އަހަރެން އަބަދުވެސް ބޭނުންވީ މިތަނުގައި ހުންނަން. އަހަރެން ބޭނުންވީ މެޑްރިޑަށް ކުޅެން. އެއީ ހުވަފެނެއް. މިއަދު އެއީ ހަގީގަތެއް.“ އެންޑްރިކް ބުނެފައި ވެއެވެ.
ޕަލްމެއިރާސް އެކަޑަމީގެ އުފެއްދުމެއް ކަމަށްވާ އެންޑްރިކް ވަނީ މިދިޔަ އަހަރު ބްރެޒިލަށް ކުޅުނު 10 މެޗުން ތިން ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ ވެމްބްލީގައި ބައިނަލްއަގްވާމީ ގޯލެއް ޖެހި އެންމެ ޒުވާން ފިރިހެން ކުޅުންތެރިޔާ އެވެ. އަދި، އޭނާ ވަނީ ޕަލްމެއިރާސްއަށް ކުޅެދިން 82 މެޗުގައި 21 ލަނޑު ޖަހާފައި ވެއެވެ.
ލާލީގާގެ ކްލަބުން އެއްބަސްވެފައި އޮތީ 2022 ވަނަ އަހަރު ސައޯ ޕައުލޯގެ ޕަލްމެއިރާސް އިން އެންޑްރިކް ގެނައުމަށް ކަމަށާއި އެއީ 18 އަހަރު ފުރުމަށް ފަހު 2024 ވަނަ އަހަރުގެ ޖުލައި މަހު މެޑްރިޑާ ގުޅުމުގެ ވިސްނުމެއް ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.



