ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ޒަމާނާ ގުޅޭ ގޮތަށް އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، އެންވަޔަރަންމަންޓް މިނިސްޓަރު ޠޯރިގް އިބްރާހިމް ހުރިހާ މެންބަރު ޤައުމުތަކަށް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކޮށްފައިވަނީ ސަކެޕްގެ 16 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގް ނިންމާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު ވަނީ މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގައި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ސަކެޕްގެ ބައްދަލުވުމުގެ މުހިއްމުކަން ހާމަކުރައްވާފަ އެވެ. އެގޮތުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވެ އެކަމަށް އަވަސް ފިޔަވަޅު އެޅުމަކީ ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަނގަކުރެއްވި އެވެ. އަދި، ރާއްޖެއަށް މޫސުމީ ބަދަލުތަކުން ދިމާވާ ޢާއްމު ކަންކަމަށް ބަލާއިރު، ޖައްވު ހޫނުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ވަޔާއި ފެން ތަޣައްޔަރު ވުމާއި، ރަށް ގިރުން ފަދަ މައްސަލަތައް ހިމެނޭއިރު، މިފަދަ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް އެކި ޤައުމުތަކުގެ ޚިޔާލު ބަދަލުކުރުމަށާއި ސަކެޕްގެ މެންބަރު ޤައުމުތަކުން ރާއްޖެއަށް ކުރިމަތިވާ މޫސުމީ ގޮންޖެހުންތައް ކުޑަ ކުރުމުގައި މަސައްކަތް ކޮށް އެހީތެރިވެދިނުމަށް މިނިސްޓަރ ޠާރިޤު ގޮވާލެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން މިފަދަ މައްސަލަތައް މަދުކުރުމަށް އަޅަމުން ގެންދާ ފިޔަވަޅުތައް ހިއްސާ ކުރެއްވި އެވެ. އެގޮތުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް މިނިސްޓަރ ގެ ވާހަކަފުޅުގައި އަލި އަޅުވާ ލެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ސަކެޕް އަކީ، ޤައުމުތަކުގެ ސަރަޙައްދީ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެކުލަވާލާފައިވާ ޖަމްއިއްޔާއެއްކަމަށްވާއިރު، އެ ބަދަލުތަކަށް އެ ޖަމްއިއްޔާއިން ފުރިހަމައަށް ތައްޔާރުވާން ޖެހޭކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ސަކެޕްގެ އުސޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް މިނިސްޓަރ ޠާރިޤު ވަނީ މެންބަރު ޤައުމުތަކަށް ގޮވާލައްވާފަ އެވެ.
”ޕްރޮއެކްޓިވް ރޯލްތައް އަދާކުރުމުގަޔާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްވެ ތިމާވެށީގެ މައްސަލަތަކަށް އަޑުއުފުލާ މަސައްކަތް ކުރެވޭނެ ޖަމްއިއްޔާއަކަށް ސަކެޕް ހެދުމަށްޓަކައި އުސޫލުތައް އިސްލާހުކޮށް ރީސްޓްރަކްޗަރ ކުރުމަކީ މުހިއްމުކަމެއް ކަމުގައި އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން. އެހެންކަމުން މި ޒަމާނާ ގުޅޭ ގޮތަށް ސަކެޕް އިސްލާހުކޮށް، މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަގު ޗާޓެއް އެކުލަވާލުމަށް، ހުރިހާ މެންބަރު ޤައުމުތަކަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން.“ ޠާރިޤު ވިދާޅުވި އެވެ.
ސަކެޕްގެ 16 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގް އޮތީ. ޖޫން 24 އިން 26 އަށް ބޫޓާންގައެވެ. 1987 ވަނަ އަހަރުން ފެށިގެން ކުރިޔަށްގެންދެވޭ މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ޤައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ.



