ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމުގެ މަގާމު އަދާކުރައްވާފައިވާ ހާމިދު ޝަފީއު ނިޔާވެއްޖެ އެވެ.
ހާމިދު ނިޔާވެފައިވަނީ، އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގަ އެވެ.
ހާމިދުއަކީ ރައީސް އޮފީހުގެ ފުރަތަމަ ޗީފް ޓެކްނޮލޮޖީ އޮފިސަރެވެ. 2019 ވަނަ އަހަރު ހާމިދު އެމަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ސޯލިހުގެ ވެރިކަން ނިމެންދެން އެ މަގާމުގައި ހާމިދު ދެމިހުންނެވި އެވެ. އޭގެ ކުރިން ރައީސް އޮފީހުގެ އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ މެނޭޖާ ޓެކްނިލިކަން ސާވިސަސް ޔުނިިޓުގައި 1998 އިން ފެށިގެން 2007ގެ ނިޔަލަށް ހާމިދު ޚިދުމަތް ކުރައްވާފައި ވެއެވެ.
ހާމިދު ނިޔާވުމާއި ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ ތައުޒިޔާގެ މެސެޖުގައި، ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަންފަވާލެވޭ ބޭފުޅެއްކަމާއި، އެދާއިރާއިން ޤައުމަށާއި ދައުލަތަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަނގަކުރައްވާފައި ވެއެވެ.
ހާމިދު ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ގިނަ ބަޔަކު ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.



