ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނާ ޚިލާފަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް ބިދޭސީން ތަންތަނުގައި ބަހައްޓާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދެއްވައިފި އެވެ.
އެކްސްގައި ޝަމްއާން ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއްކަމަށެވެ. އަދި، އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއްކަމަށާއި، މިފަދަ ކުށްކުރާ ފަރާތްތަކާއިމެދު އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އެޅޭނެ ކަމަށެވެ.
އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގައި ވާގޮތުންނަމަ، އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީ ކުށެއްކަމަށާއި، އެފަދަ ކުށެއް ކުރީ ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ އަދަބަކީ -/50,000 ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާކުރުން ކަމަށެވެ. އަދި، އިމިގްރޭޝަން ޤާނޫނުގެ ދަށުން ރާއްޖޭގައި ބިދޭސީންނާއެކު ފައިސާ މުޢާމަލާތްތައް ހިންގުމާއި، މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއެއް ލައްވާ އެއްވެސް މަސައްކަތެއް ކުރުވުމަކީ ޤާނޫނީ ކުށެށް ކަމަށާއި މިކަމުގެ އަދަބު ޤާނޫނުން ކަނޑައެޅިފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޙްތިޔާރު އިމިގްރޭޝަން ކޮންޓްރޯލަރއަށް އޮންނަކަން ފާހަނގަކުރައްވާ އެފަދަ ފަރާތްތަކަށް ގާނޫނީ ހުދޫދުގެތެރެއިން ފިޔަވަޅު އަޅުއްވާނެކަން މީގެކުރިންވެސް ޝަމްޢާން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން 17 ނޮވެމްބަރު 2023 އިން ފެށިގެން 15 ޖުލައި 2024 އަށް 153 ބަލާ ފާސްކޮށް، ޖުމްލަ 2069 މީހުން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ފުރުވާލާފައި ވެއެވެ. ފޮނުވާލި މީހުންގެ ތެރޭގައި، ފުޅާ ދާއިރާއްގައި، ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ދިޔަ 8 ފަރާތަކާއި، ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 65 ފަރާތަކާއި، ޑްރަގް އަދި ގޭންގް މާރާމާރީގައި މައްސަލަތަކުގައި ހިމެނޭ 142 ފަރާތަކާއި، އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެތެރެއިން 15 މީހުންނާއި، ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްގެން އުޅުނު 9 ފަރާތެއް ހިމެނެއެވެ.
އިމިގްރޭޝަނުން މިހާރު ގެންދަނީ، ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ޝާމިލުވެ އުޅޭ މީހުންނަށް އަމާޒުކޮށްގެންވެސް ސިލްސިލާ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަން ކުރިޔަށްގެންދަނީ ފުލުހުންނާއި، ފޮރިން ލޭބަރ ރިލޭޝަންސް ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ޓާސްކްފޯސްއަކުންނެވެ. މި އޮޕަރޭޝަނުގައިވެސް 150އަށް ވުރެ ގިނަ ތަންތަން ބަލާ 100 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި އެންމެން ޑީޕޯޓްކުރާނެކަމަށާއި، މިކަމުގެ ފަހަތުގައިވާ ދިވެހިން ހޯދާނެކަމަށް އިމިގްރޭޝަނުން މީގެކުރިން ބުނެފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅަމުންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.




