ހުޅުމާލޭގައި ކާބޯތަކެތީގެ ވިޔަފާރި ކުރާތަނެއް ރެއިޑްކޮށް 22 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ ރެއިޑް ކުރިޔަށް ގެންދިޔައީ އާންމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް ހިއްސާކޮށްފައިވާ މައުލޫމާތަކާއި ގުޅިގެންކަމަށެވެ. އެ މައުލޫމާތުގެ އަލީގައި ރޭ ހުޅުމާލޭގެ 3 ބުރީގެ އިމާރާތެއް ބަލައި ފާސްކޮށް އެތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިއަ 22 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ސޯޝަލް މީޑިއާގައި މީހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިތަނަކީ ވަރަށް ސާފުތާހިރުކަންކުޑަ ތަނެކެވެ. އަދި އެތަނަކީ ގިނަ އަދަދެއްގެ ބިދޭސީންނަށް ކާނާ ތައްޔާރުކޮށް ފޮނުވައިދެމުން ދާތަނެކެވެ.
އިމިގްރޭޝަނުން ބުނީ، އެ އިމާރާތަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއް ކަމަށެވެ. އަދި، މި މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މިއީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން އަތުލައިގަތުމަށް މިހާތަނަށް ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން 17 ނޮވެމްބަރު 2023 އިން ފެށިގެން 15 ޖުލައި 2024 އަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަންތަކުގައި، 153 ބަލާ ފާސްކޮށް، ޖުމްލަ 2069 މީހުން ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ފުރުވާލާފައި ވެއެވެ.
އިމިގްރޭޝަނުން މިހާރު ގެންދަނީ، ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ޝާމިލުވެ އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެންވެސް ސިލްސިލާ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަން ކުރިޔަށްގެންދަނީ ފުލުހުންނާއި، ފޮރިން ލޭބަރ ރިލޭޝަންސް ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ޓާސްކްފޯސްއަކުންނެވެ. މި އޮޕަރޭޝަނުގައިވެސް 150އަށް ވުރެ ގިނަ ތަންތަން ބަލާ 100 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި އެންމެން ޑީޕޯޓްކުރާނެކަމަށާއި، މިކަމުގެ ފަހަތުގައިވާ ދިވެހިން ހޯދާނެކަމަށް އިމިގްރޭޝަނުން މީގެކުރިން ބުނެފައި ވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށް، މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅަމުންދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.



