މާލޭގައި މީހުން ދިރިނޫޅޭ ގެއެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއިން ބުނާގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވާނީ މ. އޯކިޑް ޕްލާޒާ ގޭގައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެގޭގައި ހުރި ކުނިތަކެއްގައި ރޯވެގެންނެވެ.
މި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ފަތިހު 03:31 ހާއިރު މިހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 04:49 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ކައިރި ގެތަކުން 48 މީހަކު އެވަގުތު އިވަކުއޭޓް ކުރިކަމަށާއި، މީގެ ތެރޭގައި 15 ކުޑަކުދިން ހިމެނޭކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖެމެންޓް އޮތޯރިޓީން ބުނެފައިވެއެވެ. މިހުރިހާ ފަރާތްތައް މިހާރު ވަނީ ގެތަކަށް އަނބުރާ ވައްދާފައިވާކަމަށާއި، އޭގެތެރެއިން އެއްވެސް ފަރާތަކަށް ހާނިކައެއް ވެފައެއް ނުވާކަމަށް އެއި ދާރާއިން ބުނެފައި ވެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ވަގުތު މަގުމަތީގައި ހުރި މީހަކު މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެއީ، ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.



