މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުމަށް ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ) އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ބުނީ މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަންނަ އޯގަސްޓްމަހު އަލުން ދިވެހިރާއްޖެއަށް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މެލޭޝިއާ އެއަރލައިންސް އިން ރާއްޖެއަށް ދަތުރު ފަށާނީ އޯގަސްޓްމަހުގެ އެއްވަނަ ދުވަހު ކަމަށާއި، ފުރަތަމަ ފުލައިޓް ވ ޖެއްސުމަށް އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
އެމްއޭސީއެލްއިން ބުނީ، ދަތުރު ފެށުމާއެކު އާދައިގެ މަތިން ހަފްތާގެ 7 ދުވަހު އެ އެއާލައިނުން ރާއްޖެއަށް ތާވަލު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، އެ ދަތުރުކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފުލައިޓެއް ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް އެމްއޭސީއެލްއިން ދަނީ ތައްޔާރުވަމުންނެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިތުރުން، ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) އަދި މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނެވުމަށް ހަމަޖހެިފައި ވެއެވެ.
މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.



