ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިންޑިއާގައި ޕްރޮމޯޓް ކުރުމުގެ ގޮތުން ޚާއްސަ ރޯޑް ޝޯވ އެއް ފަށަން ތައްޔާރުވެއްޖެ އެވެ.
“ވެލްކަމް އިންޑިއާ” ގެ ނަމުގައި ބާއްވާ މި ރޯޑް ޝޯވ ސީރީޒް އިންތިޒާމު ކުރަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެންނެވެ.
އިންޑިއާގެ ދަތުރުވެރިންގެ ޕްރިމިއަރ ހޮލިޑޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ބާރު އެޅުމުގެ ގޮތުން ކުރިޔަށް ގެންދާ “ވެލްކަމް އިންޑިއާ” ރޯޑްޝޯގެ އިންޑިއާގެ މައި 3 ސިޓީއެއްގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެއީ، ވެރިރަށް ނިއު ދިއްލީ، ވިޔަފާރި މަރުކަޒީރަށް މުމްބާއީ، އަދި އައިޓީހަބް ބެންގަލޫރުގަ އެވެ.
ރޯޑް ޝޯވް ސީރީޒް ފަށަނީ މިމަހުގެ 30 ވަނަ ދުވަހު ނިއުދިއްލީންނެވެ. އަދި އޯގަސްޓް 1 ވަނަ ދުވަހު މުމްބާއީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ނިންމާލާނީ 03 އޮގަސްޓް ގައި ބެންގަލޫރުގަ އެވެ. މަތީ ފެންވަރުގެ މި ހަރަކާތަކީ، ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މައި ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ، ދާއިރާއިން އެއްބާރުލުން ދިނުން އާލާކޮށް، މިހާރު އޮތް ގުޅުންތައް ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކޮށްލަން ޕްލެޓްފޯމެއް ލިބިގެންދާނެ ހަަރަކާތެކެވެ.
މި ހަރަކާތުގައި ރާއްޖެ ތަމްސީލު ކުރައްވާނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ރައީސްގެ ޓޫރިޒަމް ޑެވެލޮޕްމެންޓް އެޑްވައިޒަރު މުހައްމަދު ޚަލީލް ހިމެނި ވަޑައިގަންނަވާގޮތަށް އެކުލަވާލެވިފައިވާ ވަފްދަކުންނެވެ.
‘ވެލްކަމް އިންޑިއާ’ ރޯޑްޝޯވ ގެތެރެއިން، ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި، ލަގްޒަރީ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، މުއްސަނދި ސަގާފީ ތަރިކަތަކާއި ބެހޭ މައުލޫމާތު 3 ސިޓީގައި ހިއްސާ ކުރާނެއެވެ. މި ރޯޑް ޝޯވްގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ މެހެމާންދާރީ ތަޖުރިބާ ކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި އޮތް ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭ މައުލޫމާތުވެސް ލިބިގެންދާނެއެވެ. މި ހަރަކާތުގެ ފޯރި އިތުރު ކުރުމުގެ ގޮތުން ކޮންމެ ސިޓީއަކުންވެސް ރޯޑް ޝޯވގައި ބައިވެރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި ނަސީބުވެރިންނަށް ރާއްޖޭގައި ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ދަތުރުތައް ސްޕޮންސަރ ކޮށްފައިވަނީ ކަނޑިމާ މޯލްޑިވްސް، ނޯވާ މޯލްޑިވްސް، އެރީނާ ހޮޓެލްސް، ކާނި ހޮޓެލްސް، ވިލާ ނޯޓިކާ، ސިއްރު ފެންފުށި، ހޮލިޑޭ އިން ކަނޑޫމާ އަދި އަލިލާ ކޮތައިފަރު މޯލްޑިވްސް އިންނެވެ.
އިންޑިއާއަކީ ރާއްޖެއަށް މުހިއްމު ސޯސް މާކެޓެއް ކަމަށާއި، ފަތުރުވެރިން އިތުރުވަމުން އަންނަކަމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ. މި ރޯޑްޝޯވގެ މަގުސަދަކީވެސް އިތުރުވަމުން އަންނަ މި ޑިމާންޑުގެ ބޭނުން ހިފައި، އިންޑިއާގެ ދަތުރުވެރިންގެ އެންމެ މަތީ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ވަރުގަދަ ކުރުންކަމަށްވެސް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.



