އުތުރު ތިލަފަޅުގައި 3،000 މީހުންގެ ޖާގައިގެ ސްންޓްރަލް ޖަލެއް ހަދަން ނިންމައިފި އެވެ.
”މިހާރު“ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ދާޚިލީ ސަލާމަތާ ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކުށްވެރިން ބަންދުކުރަން އުތުރު ތިލަފަޅުގައި ޖަލެއް އިމާރާތްކޮށް، އެހެން ހުރިހާ ޖަލުތަކެއް ބަންދުކުރަން ނިންމާފައިވާކަމަށެވެ. އަދި، ސަރުކާރުގެ ވިސްނުމަކީ މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެ ޖަލު އުވާލައި މައި އެއް ޖަލު ހެދުން ކަމަށާއި އެތަން ގާއިމްކުރަން، ސިފައިންގެ ދަށުގައި އޮންނަ އުތުރު ތިލަފަޅު ހަމަޖައްސާފައިވާ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.
ވަޒީރު ވިދާޅުވެފައިވަނީ އުތުރުފަޅުގެ ކޮޅުގައި ސެންޓްރަލް ޕްރިޒަން އަޅަން ހުއްދަ ލިބިފައިވާ ކަމަށާއި، މިހާރު ބިންހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. މި ޖަލަކީ 3،000 މީހުންގެ ޖާގައިގެ ޖަލެއް ކަމަށާއި، އެ ޖަލު ގާއިމު ކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ވަރުގަދަ ސެކިއުރިޓީ ފިޗާރސްތަކާއި އެކުގައި ކަމަށް ވެސް އިހުސާން ވިދާޅުވެފައި ވެއެވެ.
ވަޒީރު ވިދާޅުވެފައިވަނީ، ސެންޓްރަލް ޕްރިޒަން ކުރެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި، އޭގައި ރަނގަޅު ކަރެކްޝަނަލް ފެސިލިޓީއަކާއި، މެންޓަލް ކެއާ ފެސިލިޓީއެއް ވެސް ހިމަނާނެކަމަށެވެ.




