ފަލަސްތީނުގެ ޙައްޤުގައި ވަކާލާތު ކުރުމުގައި ދިވެހިރާއްޖޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ’ރާއްޖެ މިއަދު‘ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ފަލަސްތީނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ، މިހާތަނަށް ރާއްޖޭގެ އެއްވެސް ރައީސަކު ގެންގުޅުއްވާފައިނުވާ ފަދަ ހަރުދަނާ ސިޔާސަތެއް ކަމަށެވެ. އަދި، މި ސަރުކާރުގެ ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި، ކުޑަ ތަންކޮޅެއް ވެސް ގޮތްދޫނުކޮށް، ކުޑަ ގައުމެއްގެ ގޮތުގައި ރާއްޖޭން ކުރެވުނު ހުރިހާ ކަމެއް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
މިިނިސްޓަރު ވިދާޅުވީ، އެ ހިތްވަރުގެ ނަތީޖާ ވެސް ފެންނަމުންދާކަމަށާއި، ދެކުނު އެފްރިކާ އާ ގުޅިގެން ރާއްޖޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހެޅި މައްސަލައިގައި، އިޒްރޭލުގެ ނޭއްގާނީ އަމަލުތަކާ ދެކޮޅަށް އެ ކޯޓުން ހުކުމް ނެރުމަކީ ރައީސް މުއިއްޒު އިސްވެ ރާއްޖޭން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ބައިނަލްއަގުވާމީ މައިދާނުގެ އިތުރުން، ދިވެހި ރައްޔިތުންނާއި ސަރުކާރުން ވެސް މާލީ ގޮތުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަން ވެސް މިނިސްޓަރ ޒަމީރުވަނީ ފާހަގަކުރައްވާފަ އެވެ.



