ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިންޑިއާގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން، ކުރިޔަށްގެންދަން ރާވާފައިވާ ”ވެލްކަމް އިންޑިއާ ރޯޑް ޝޯވ“ ގައި ބައިވެރިވަޑައިގަތުމަށް އިބްރާހިމް ފައިސަލް އިންޑިއާއަށް ފުރާ ވަޑައިގެންފި އެވެ.
ފައިސަލް މިއަދު ފުރާ ވަޑައިގެންނެވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށެވެ. އެއީ، ރޯޑް ޝޯވ ފަށްޓަވައިދެއްވައި، ރޯޑް ޝޯވގެ ފުރަތަމަ ލެގްގައި ބައިވެރިވަޑައިގެންނެވުމަށެވެ.
އިންޑިއާގެ ދަތުރުވެރިންގެ ޕްރިމިއަރ ހޮލިޑޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ބާރު އެޅުމުގެ ގޮތުން ކުރިޔަށް ގެންދާ “ވެލްކަމް އިންޑިއާ” ރޯޑްޝޯވގެ އިންޑިއާގެ މައި 3 ސިޓީއެއްގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެއީ، ވެރިރަށް ނިއު ދިއްލީ، ވިޔަފާރި މަރުކަޒީރަށް މުމްބާއީ، އަދި އައިޓީހަބް ބެންގަލޫރުގަ އެވެ. ރޯޑް ޝޯވް ސީރީޒް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ނިއުދިއްލީންނެވެ. އަދި، އޯގަސްޓް މަހުގެ 1 ވަނަ ދުވަހު މުމްބާއީގައި ބާއްވާއިރު، ނިންމާލާނީ 03 އޮގަސްޓް ގައި ބެންގަލޫރުގަ އެވެ.
މަތީ ފެންވަރުގެ މި ހަރަކާތަކީ، ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މައި ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ، ދާއިރާއިން އެއްބާރުލުން ދިނުން އާލާކޮށް، މިހާރު އޮތް ގުޅުންތައް ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކޮށްލަން ޕްލެޓްފޯމެއް ލިބިގެންދާނެ ހަަރަކާތެކެވެ.
“ވެލްކަމް އިންޑިއާ”ރޯޑް ޝޯވ ސީރީޒް އިންތިޒާމު ކުރަނީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން، ރައީސްގެ ޓޫރިޒަމް ޑެވެލޮޕްމެންޓް އެޑްވައިޒަރު މުހައްމަދު ޚަލީލްވެސް މި ހަރަކާތުގައި ބައިވެރިވަޑައިގަންނަވާނެއެވެ.




