އަތަމާ ހައްޖު ގްރޫޕްގެ ބާނީ ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހައްމަދު މުއިއްޒު އެ މަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަބްދުއްލަޠީފްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށްކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި، އެމަނިކުފާނު އަވަހާރަވީ ޚަބަރު އަޅުގަނޑު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވެފައި ވެއެވެ.
ރައީސްގެ މެސެޖުގައި، އަބްދުއްލަޠީފްގެ ޚިދުމަތް އާ ކުރައްވައި، ވަރަށް ބޮޑަށް ތައުރީފުކުރައްވާފައި ވެއެވެ. އެގޮތުން އެ މެސެޖުގައި، މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެއްކަމާއި، ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއްކަން ބަޔާންކުރައްވާފައި ވެއެވެ.
ރައީސްގެ މެސެޖުގައި، މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެއްކަން ފާހަނގަކުރައްވައި، ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއްކަމަށް ވިދާޅުވެފައި ވެއެވެ.
”މުޅި ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ލަހައްޓަވާށިއެވެ. އާމީން. ”ޤައުމަކަށް ކުޅަ ޚިދުމަތެއް، މީހާގެ ނަން މަތިވެރިވެދާށި، އައުކަމާ ތާޒާކަމާ، ފެހިކަން ނަމަށް ދާއިމްވެދާށި.“ ރައީސް ވިދާޅުވެފައި ވެއެވެ.
ޢުމުރުން 94 އަހަރުގައި އަތަމާ ޢަބްދުއްލަތީފް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުންގެންދަވަނިކޮށެވެ.




