ހިތަދޫ ޕަވަރ ސްޓޭޝަނުގައި ބޭނުންކުރަމުން އައި 5 ޖެނަރޭޓަރު ހަލާކުވެފައިވާ ކަމަށާއި، އެ މަރާމާތުކޮށް އޮޕަރޭޝަނަށް ގެނެވުމުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ކުރު ރާސްތާ ހައްލެއް ލިބިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ އަދި ދާއިމީ ހައްލެއް ގެނައުމަށް މިނިސްޓަރު ކުރައްވާ މަސައްކަތުގެ އަދާހަމަ ކޮށްދެއްވުމަށް އެދި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައަކީ، އެސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ބޭނުންވާ ތަރައްގީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ގެނެސްފައި ނުވާތީ ދިމާވެގެން އުޅޭ މައްސަލައެއްކަމަށެވެ. އެގޮތުން، އެތަނަށް ބޭނުންވާ ކުރިއެރުން ގެނެސްފައި ނުވާކަމާއި، ބޭނުންވާ މެއިންޓެނެންސް މަސައްކަތްތައް ކޮށްފައި ނެތްކަމާއި، ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާ ޖެނެރޭޓަރުވެސް ހޯދާފައި ނުވާކަން ފާހަނގަ ކުރެއްވި އެވެ.
އެގޮތުން، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް 20 ޖެނެރޭޓަރު ސެޓް ބަހައްޓާފައިވާއިރު އޭގެ ތެރެއިން 5 ޖެނެރޭޓަރު ހަލާކުވެފައިވާތީ މިވަގުތަށް އުފެއްދެނީ 15.5 މވ ގެ ކަރަންޓްކަމުން، ޕީކް ގަޑީގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން ކަރަންޓް ބޭނުންވާ ގަޑިތަކުގައި ގާތްގަނޑަކަށް 12 މވ ގެ ކަރަންޓް ބޭނުންވާކަން ފާހަނގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ބޭނުންވާ ކަރަންޓް މެދުކެނޑުމެއްނެތި ދިނުމަށް މި ސަރުކާރުން ހަލާކުވެފައިވާ ޖެނެރޭޓަރުތައް މަރާމާތުކޮށް އާ ޖެނެރޭޓަރެއް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.
”މިކަންތައް ހައްލުކުރުމަށް މިހާރުވެސް މިވަނީ ޑރ. މުހައްދު މުއިއްޒުގެ ސަރުކާރުން، ފެނަކަ ކޯޕަރޭޝަނުން 1.5 މވ ގެ އާ ޖަަނަރޭޓަރެއް ގަނެފައި. އެ ޖަނަރޭޓަރު ބަހައްޓާ އޯގަސްޓްމަހުގެ ތެރޭގައި ނިންމާނެ. އަދި އިތުރު 3 ޖެނެރޭޓަރަށް ބޭނުންވާ ސްޕެއަރ ޕާޓްސްވެސް ވަނީ ހޯދިފައި. އަދި 3 ޖެނަރޭޓަރުވެސް އޯގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ. މީގެ އިތުރުން ހަލާކުވެފައިވާ 2 މވ ގެ 2 ޖެނެރޭޓަރު އޯވަހޯލްކޮށް މިއަހަރުތެރޭގައި އޮޕަރޭޝަނަލައިޒް ކުރެވޭނެ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި މަސައްކަތްތައް ނިމުމުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް މައްސަލަައަށް ކުރު ރާސްތާއެއްގެ ހައްލެއް ލިބިގެންދާނެކަމަށެވެ.



