މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތިން 2،000 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ އާންމުކުރި، އެ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ޔުނިޓްގެ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި، 2،359.2 ޓަނުގެ ކުނި މާލެ މަގުމަތިން ނަގާފައި ވެއެވެ. އަދި، 6،475.1 ޓަނުގެ ކުނި އުކާލާފައި ވެއެވެ.
ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓަށް މާލޭގެ ތަންތަނަށް ކުނި އެޅުމާއި ގުޅޭ ގޮތުން މިދިޔަ ހަމަސް ދުވަހު، 6560 މައްސަލަ ހުށަހަޅާފައި ވެއެވެ. މީގެ ތެރޭގައި، މަގުމައްޗާއި، ގޯޅިތަކާއި ހުސްބިންތަކަށް ކުނި އެޅުމުގެ މައްސަލަ ހިމެނެއެވެ. މިމައްސަލަތައް ބަލައި ހައްލުކުރުމުގެ ގޮތުން ގަވާއިދާ ޚިލާފަށް ކުނި މިފަދަ ތަންތަނަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ އަދި ޖޫރިމަނާވެސް ކައުންސިލުން ކޮށްފައި ވެއެވެ.
މިދިޔަ ހަމަސް ދުވަހު، ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓަށް އެންމެ ގިނައިން ދިމާވި އަދި ބެލުނު މައްސަލަތަކުގެ ތެރޭހައި ހިމެނެނީ ޕާކުތަކާއި މިސްކިތްތަކުގައި މީހުން ނިދުމުގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 1212 މައްސަލައަކަށް ކައުންސިލުން އެޓެންޑުކޮށްފައި ވެއެވެ. އެ ޔުނިޓުން ބެލި އިތުރު މައްސަލަތަކުގެ ތަފުސީލު:
- ކާނު ޖަންކްޝަން ހަލާކުވެފައިވުން/ ބެދިފައިވުން: 567 މައްސަލަ
- ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ބެހެއްޓުން: 223 މައްސަލަ
- މަގުމަތީގައި ގަވާއިދާ ޚީލާފަށް ވިޔަފާރި ކުރުން: 322 މައްސަލަ
- އޭސީ، ދިޔަދޮވި އަދި އެހެނިހެން ގޮތްގޮތުން މަގުމައްޗަށް ފެން ފޭބުން: 262 މައްސަލަ
- ބޯޑު ނެތި މަގުމަތީގައި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރުން: 366 މައްސަލަ
- ހުއްދަނެތި ވިޔަފާރި ހިންގުން: 17 މައްސަލަ
- ގަވާއިދާ ޚިލާފަށް ޕާކްކުރުން: 33 މައްސަލަ
- މަގުމަތީގައި ނިޗާންތައް ފަނޑުވުމާއި، ނިޝާން ބޯޑުތަކާއި ލައިޓުތައް ހަލާކުވުން: 102 މައްސަލަ
- އިމާރާތް ކުރުމުގެ މައްސަކަތައް ގެންނަ ތަކެތި މަގުމަތީގައި ބެހެއްޓުން: 141 މައްސަލަ
ސިޓީ ކައުންސިލުން މިކަންކަމަށް އެޓެންޑުކޮށްފައިވާއިރު، ގަވާއިދާ ޚިލާފަށް ރިޕޯޓްކުރެވިފައިވާ އެކި ކަންކަމުގައި ފާއިތުވެދިޔަ ހަމަސް ތެރޭގައި ވަނީ ޖުމްލަ 437 ފަރާތެއް ޖޫރިމަނާކޮށްފަ އެވެ.




