ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އަށް މިއަހަރުގެ މާލީ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 448 މިލިއަން ރުފިޔާ ލިބިފައިވާކަން އެކުންފުނިން ހާމަކޮށްފި އެވެ.
އެކުންފުނިން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓާރުގެ މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ބޭންކުންވަނީ ހަރުދަނާ މާލީ ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން ބަލާއިރު، މާލީ ދެވަނަ ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެގޮތުގައި 448 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާކިޔާއިރު %3 ގެ ކުރިއެރުމެކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، މި ކުއާޓާގައި ވިޔަފާރީގެ މައިގަނޑު ހުރިހައި ދާއިރާއަކުންވެސް ކުރިއެރުން ލިބިފައިވެއެވެ. އެގޮތުން، ބޭންކުގެ ރައުސުލްމާލު ގާނޫނުން ލާޒިމުކުރާ މިންވަރަށްވުރެ މަތީގައި ހިފަހައްޓާފައިވާއިރު، ދެވަނަ ކުއާޓާ ނިމުނުއިރު، ޖުމްލަ އެސެޓްވަނީ 44.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި، ކަސްޓަަމަރުން ޑިޕޮޒިޓްކޮށްފައިވާ އަދަދަށް ބަލާއިރު، 29.5 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.
އިންފްލޭޝަންއާ ގުޅިގެން އަންނަ ފިއްތުންތަކާއެކުވެސް، ހިންގުމުގެ ޚަރަދުތައް ބީއެމްއެލްއިން ހިފަހައްޓާފައިވާއިރު، ޕްރޮވިޝަން ކަވަރ ހުރީ ހަރުދަނާކަމާއެކު، %100ގަ އެވެ. އަދި، މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 2.8 ބިލިއަން ރުފިޔާގެ އައު ލޯނު އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް ދޫކޮށްފައިވާކަން ތަފާސް ހިސާބުން ދައްކަ އެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ، ރާއްޖޭގެ ޝަރުއީ ހަމަތަކަށް ފެތޭ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފުކޮށްފަ އެވެ. މިީގެ އިތުރުން، ގެދޮރު އިމާރާތްކުރުމާއި، މަރާމާތުކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި، ހޯމް ބިލްޑިންގ އަދި ހޯމް އިކުއިޓީ ލޯނުވަނީ ތައާރަފުކޮށްފަ އެވެ. އަދި، ދެމެެހެއްޓެނިވި މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައުއަށް އެހީވުމަށް ބޭންކުގެ އާންމު އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ނިމިދިޔަ ކުއާޓާރުގައި ވަނީ ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައާއެކު، 38 ބްރާންޗާއި، ސަރވިސް ސެންޓަރު އަދި 86 ސެލްފް-ސަރވިސް ބޭންކިންގެ ސެންޓަރު، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ އިތުުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބީއެމްއެލްއިން ދަނީ ފޯރުކޮށްދެމުންނެވެ.




