ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ލުވޭޒު, އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސް ތަރމަން ޝަންމުގަރަތުނަމް އަށް މިއަދު އަރުވައިފި އެވެ.
ލުވޭޒު ފަތްކޮޅު އަރުވާފައިވަނީ، އެކަމަށް ޚާއްސަކޮށްގެން މިއަދު ސިންގަޕޫރުގެ ރިޔާސީ ގަނޑުވަރު، އިސްތާނާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ސިންގަޕޫރުގެ ރައީސް ތަރމަން ޝަންމުގަރަތުނަމް އާއި ލުވޭޒް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސިންގަޕޫރުގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރެއްވި އެވެ. އަދި، ސިންގަޕޫރާއި ދިވެހިރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވި އެވެ.
ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވައިފައިވަނީ 7 މޭ 2024 ގައެވެ.
މި ބައްދަލުވުމުގައި ސަފީރު އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ޚަދީޖާ މުފްލިޙާ ގެ އިތުރުން ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީން ކަމުގައިވާ ޢަބްދުالله އަރުހަމް އާއި ޖަލާލާ ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.



