ޗައިނާގެ ޝިއަމެން އެއާލައިނުން ރާއްޖެއަށް ތާވަލު ދަތުރުތައް ރަސްމީކޮށް ފަށައިފި އެވެ.
ޝިއާމެން އެއާލައިންސްގެ ފުރަތަމަ ތާވަލު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައޭ)އަށް ޖެއްސީ އިއްޔެ ހަވީރު 18:05 ގަ އެވެ.
ޝިއާމެން އެއާލައިންސް އިން ރާއްޖެއަށް ހަފްތާއަކު ތިން ޝެޑިއުލް ދަތުރު ކުރުމަށް ހަމަޖެހިފައި ވެއެވެ. އެއީ، ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ބީ737-800 މަރުކާގެ 169 ސީޓުގެ އެއާ ކްރާފްޓެވެ.
ޝިއަމެން އެއާލައިން ފެށުމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ޝިއަމެން އެއާލައިންގެ ތާވަލު ދަތުރުތައް ރާއްޖެއަށް ފެށުމަކީ، ވީއައިއޭއަށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ފްލައިޓްތައް އިތުރުކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތައް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ. އަދި، މިއީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ޝަރީފް ފާހަނގަކުރެއްވި އެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޝިއަމެން އެއާލައިނުން ވަނީ ރާއްޖެއަށް ޗާޓަރު ފްލައިޓުތައް ކުރަމުންނެވެ.
މިއީ، ޝިއެމަން އެއާލައިން އިން ފޫޖިއާން އިން ދެކުނު އޭޝިއާގެ މަންޒިލަކަށް ސީދާ ތާވާލު ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.
މިވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ.



