ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިހާރު އިންޑިއާައަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ޝްރީ ކިންޖަރަޕޫ ރާމްމޯހަން ނައިޑޫއާ ބައްދަލު ކުރައްވައިފި އެވެ.
މިހާރު އިންޑިއާގައި ކުރިޔަށްދާ ”ވެލްކަލް އިންޑިއާ“ ރޯޑް ޝޯވގެ ހަވާސާގައި އިއްޔެ މެންދުރު ބޭއްވެވި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު ދަތުރުފަތުރު އިތުރުކުރުމާއި، އިންޑިއާ ރައްޔިތުން ރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުކުރުމަށް ކުރެވިދާނެކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ހިއްސާކުރައްވައި، ފަތުުރުވެރިކަމުގެ ސިނާއަތުގެ ތަމްރީނާއި ތަޖުރިބާ ދެގައުމަށް ފައިދާކުރަނިވި ގޮތެއްގައި ފަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފަ އެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި އިއްޔެ ވަނީ، އިންޑިއާގެ ފެޑެރޭޝަން އޮފް އިންޑިއާން ޗޭމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީ(އެފްއައިސީސީއައި)ގެ މަންދޫބުންނާއެކު، އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފަ އެވެ. ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާގެ އިންވެސްޓަރުންނަށް، އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ ގޮތުންނާއި، ވިޔަފާރި ކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު މިނިސްޓަރު އެބޭފުޅުންނާއި ހިއްސާކުރައްވާފައި ވެއެވެ. ހަމަ އެހެންމެ ރާއްޖެއަކީ ޕްރީމިއާ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި ދެގައުމުން ގުޅިގެން މަސައްކަތްކޮށް، އެއްބާރުލުންދީފިނަމަ ލިބޭނެ ކުރިއެރުންތަކާއި މެދުވެސް މަޝްވަރާކުރައްވާފައި ވެއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާައަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިންޑިއާގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ ގޮތުން، އިއްޔެ ފެށި “ވެލްކަމް އިންޑިއާ ރޯޑް ޝޯވ” ގައި ބައިވެރިވަޑައިގަތުމަށެވެ. މަތީ ފެންވަރުގެ މި ހަރަކާތަކީ، ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މައި ސްޓޭކްހޯލްޑަރުން އެއްތަނަކަށް އެއްވެ، ދާއިރާއިން އެއްބާރުލުން ދިނުން އާލާކޮށް، މިހާރު އޮތް ގުޅުންތައް ބަދަހިކޮށް، ރާއްޖެ އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް އިންޑިއާގެ ތިން ސިޓީއެއްގައި ކުރިޔަށްގެންދާ ހަރަކާތެކެވެ.
އިއްޔެ މި ހަރަކާތް ފަށާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 24 ފަރާތަކުން ބައިވެރިވެެގެން ކުރިޔަށް ގެންދިޔަ މި ރޯޑް ޝޯވއަށް އިންޑިއާގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ގިންތިތަކުގެ 150 އަށްވުރެ ގިނަ ފަރާތުން ޒިޔާރަތްކޮށްފައި ވެއެވެ.
މާދަމާ މި ހަރަކާތް ކުރިޔަށްދާނީ އިންޑިއާގެ ވިޔަފާރި މަރުކަޒީރަށް މުމްބާއީގައެވެ. މި ހަރަކާތް ނިންމާލާނީ 03 އޮގަސްޓް ގައި ބެންގަލޫރުންނެވެ.
“ވެލްކަމް އިންޑިއާ”ރޯޑް ޝޯވ ސީރީޒް އަކީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން ހިންގާ ހަރަކާތެކެވެ.




