ހިއުމަން ރައިސްޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.
މިގޮތަށް ފާސްކުރީ، އެޗްއާރްސީއެމްއަށް މެންބަރަކު ޢައްޔަނުކުރެއްވުމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅުމަށްފަހު، ކޮމިޓީގެ ނިންމުން ފާސްކުރުމަށް ނެގި ވޯޓުންނެވެ. އެ ކޮމިޓީން އިއްޔެ ވަނީ ހަބީބު އައްޔަންކުރަން ފެންނަކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ހުރިހައި މެންބަރުންގެ އިއްތިފާގުން ފާސްކުރައްވާފަ އެވެ.
މިހާރު ކުރިޔަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 22 ވަނަ ޖަލްސާގައި، ހަބީބް އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ ތެރެއިން، 74 މެންބަރުން ވޯޓު ދެއްވީ ރުހުންދޭން ފެންނަކަމަށެވެ. 3 މެންބަރަކު ރުހުންދޭން ނުފެންނަކަަމަށް ވޯޓުދެއްވި އެވެ.
މިގޮތަށް ފާސްކުރުމަށް މަޖިލީހުގެ ރުހުން ހޯދަން ބޭނުންވަނީ 39 ވޯޓެވެ. ކަނޑައަޅާފައިވާ މިންވަަރަށް ވުރެ އިތުރަށް ވޯޓު ލިބުމާއެކު، މަޖިލީހުގެ ރިޔާސަތުން ވަނީ ހަބީބު އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ފެންނަކަމަށް މަޖިލީހުން ފާސްވިކަން އިއުލާނުކުރައްވާފަ އެވެ.
އީސީ ހަބީބުގެ ނަމުން މަޝްހޫރުވެފައިވާ ހަބީބަކީ 21 އަހަރަށްވުރެ ދިގު މުއްދަތަކަށް އިސީއަށް މަސައްކަތް ކުރައްވައި، އެ ކޮމިޝަންގެ މެންބަރުކަމާއި އަދި ނައިބު ރައީސް ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ދައުރަކަށް އީސީގެ މެންބަރުކަން ކުރައްވާފައިވާއިރު، ފުރަތަމަ މެންބަރުކަމަށް އައްޔަންކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި 13 މާޗް 13، 2014 ގަ އެވެ. އޭގެ ފަހުން ދެވަނަ ދައުރަކަށް އައްޔަންކުރެއްވީ އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި މާޗް 13، 2019 ގަ އެވެ. ދެވަނަ ދައުރުގެ މުއްދަތު ހަމަވުމާއި ހަމަޔަށް ހަބީބު އީސީގައި ދެމިހުންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލެއްވުމަށް،8 އޮކްޓޯބަރު 2023 އިން 30 ޖޫން 2024 އާ ދެމެދު ތިން ފަހަރެއްގެ މަތިން އިއުލާނުކުރެއްވި އެވެ. ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސްއަށް އެމަގާމަށް އައްޔަންކުރަން ބޭނުންފުޅުވީ، ހަބީބެވެ. މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވަނީ ހަބީބަކީ މެންބަރުކަމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އަޔަންކުރެއްވުމަށް އެމަނިކުފާނަށް ފެންނަ ބޭފުޅާކަމަށެވެ.



