އިއްޔެ އައްޑޫސިޓީ ހިތަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫ ސިޓީ ހިތަދޫ އެޕާޓްމެންޓެއް އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ ބަލާ ފާސްކޮށްފަ އެވެ. މި މައްސަލައާއި ގުޅިގެން އާންމުންނަށް އޮޅޭގޮތަށް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މައުލޫމާތު ފަތުރަމުންދަނިކޮށް، މި މައްސަލައިގައި މިއަދު ފުލުހުން ބުނެފައިވަނީ، ރެއިޑްކުރި އެޕާޓްމެންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެދުމުންވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމަންޓަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ދޮރު ވައްޓާލައިގެންކަމަށެވެ.
އަދި އެޕާޓްމެންޓް ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުންވެސް ދޮރު ނުހުޅުވުމުން ފުލުހުން އެކޮޓަރިއަށް ވަދެފައިވަނީވެސް ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓާލައިގެންކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި، އެތަނުން އެއް ކޮޓަރީގައި ފެންވަރައިގެން ނުކުމެ އިން އަންހެނަކު ހުރުމާއެކު އޭނާ ނުކުތުމަށް ފުރުސަތު ދިންކަމަށާއި، މި ސީންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ނުކުރާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
”އޭގެ ތެރެއިން އެއް ކޮޓަރީގައި ފެން ވަރައިގެން ނިކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށްފަހު ކޮޓަރިން ނުކުތުމަށް ފުރުސަތު ދީފައިި. އެޕާޓްމެންޓްގެ އެއްވެސް ފާހާނާއެއްގެ ދޮރު ވައްޓާލާފައި ވަދެފައި ނުވާކަން ފާހަނގަކުރަން. އަދި މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާ ވާހަކަ މި ފުރުސަތުގައި ފާހަގަކޮށްލަން.“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަން ހިންގުމުގައި ބާރުގެ ބޭނުންކުރި ގޮތް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރިވިއުކުރާނެކަމަށެވެ.




